English Edition
Dhivehi Edition

ސަލްޓަންޕާކު ތެރޭގައި އިންޕްރޮވައިޒްޑް ޑިވައިސް އެއް ގޮއްވާލި މައްސަލައަށް ފަހު، ފިލައިގެން ރާއްޖެއިން ބޭރަށް ގޮސް އުޅެނިކޮށް 2012 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ފަސް ވަނަ ދުވަހު ހައްޔަރުކޮށް، ދޫކޮށްލި މީހަކު، އެހެން ކުށެއްގައި ޖަލަށްލާން ހުކުމްކޮށްފި އެވެ.

އިއްޔެ ލ. ގަމު މެޖިސްޓްރޭޓު ކޯޓުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ ހުކުމް ކޮށްފައިވަނީ ލ. ގަން ތުނޑި، ލަވްސައިޑް، އަބްދުއްލަތީފް އިބްރާހިމް ގެ މައްޗަށެވެ.

މާފުށީ ޖަލުގައި ތިބި ގައިދީންތަކެއް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރާވަމުން ދާކަމުގެ މައުލޫމާތު ލިބިގެން އެ ޖަލު ރެއިޑްކޮށް ބައެއް ތަކެތި ހޯދާފައިވާއިރު އެ އޮޮޕަރޭޝަންގައި ފުލުހުން އޭނާ ހައްޔަރުކުރަން ދިއުމުން އޭނާ ވަނީ ފޯނުދިނުމަށް އިންކާރުކޮށް ފޯނު ހަލާކުކޮށްލާފައެވެ.

އެ މައްސަލަ އާއި ގުޅިގެން އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅިކަމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވާއިރު ދައުވާ ސާބިތުވެ އޭނާއަށް ވަނީ އެއް އަހަރާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން ގަމު ކޯޓުން ހުކުމް ކޮށްފައެވެ.

2007 ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ސަލްޓަން ޕާކުގައި ބޮން ގޮއްވި ހާދިސާގައި 12 ޓޫރިސްޓަކު ޒަހަމްވެފައިވާއިރު އެ މައްސަލައިގައި 16 މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާކޮށްފައެވެ، އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައިވާއިރު އެ މައްސަލައިގައި ތުހުމަތު ކުރެވޭ 10 މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސް ފިލާފަ އެވެ.