މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ޕްރޮގްރެސިވް ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިންމައިފި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖަލްސާތައް ބޮއިކޮޓްކޮށްފައިވަނީ މެންބަރުންނަށް ރައްކާތެރިކަން ނެތުމުން ކަމަށެވެ. އެކަމުގެ ޔަގީންކަން ދިނުމަށް މަޖިލީހުގެ ރައީސްގެ ކިބައިން އެދުނު ނަމަވެސް އެކަމަށް ބީރު ކަންފަތެއް ދެއްވާފައިވާ ކަމަށާއި
ރައްޔިތުންގެ މަޖިލީސް ވަރަށް ހުދުމުތާރުކޮށް، މަޖިލީހުގެ ރައީސް ބޭނުންފުޅުވާހާ ގޮތަކަށް ހިންގަވަމުން ގެންދިއުމާއި ރައްޔިތުން ކަންބޮޑުވާ ގިނަ މައްސަލަތަކެއް މަޖިލީހަށް ހުށައެޅިފައިވުމާއި ރައްޔިތުންގެ ހައްގުގައި އަޑުއުފުލަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން މެންބަރުންނަށް ރައްކާތެރިކަން ނެތް ނަމަވެސް މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ނިންމާފައިވާ ކަމަށް އިދިކޮޅުން ނެރުނު ބަޔާނުގައި ވެއެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖްލީހުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެންބަރުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަށާލައި ހަމަލާދީ މާރާމާރީ ހިންގާފައިވާތީ އިދިކޮޅުން ދަނީ އޭގެ ފަހުން ބޭއްވޭ ޖަލްސާތައް ބޮއިކޮޓް ކުރަމުންނެވެ.
އިދިކޮޅުން ކޯލިޝަނަށް ނިސްބަތްވާ މަޖްލިސް މެންބަރުން އެންމެ ފުރަތަމަ ޖަލްސާއެއް ބޮއިކޮޓް ކުރީ މިމަހުގެ 8 ވަނަ ދުވަހުއެވެ.
ޝިޔާމަށް އަނިޔާ ކުރި ކަމަށް ތުހުމަތުކޮށް މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދަށާއި އެ ކަމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް އިދިކޮޅު ކޯލިޝަނުން ސިޓީއެއް ވެސް ފޮނުވާފައިވީނަމަވެސް ޕީޖީން މި ކަމުގައި އަދި ވަކި އެއްޗެއް ބުނެފައެއްނެތެވެ.