English Edition
Dhivehi Edition

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިހުންނަ މަރުކަޒު “ފިޔަވަތި”ގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި (އެޗްއީއޯސީން) މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފިޔަވަތިން ޕޮޒިޓިވްވި މީހާއަކީ އައިޖީއެމްއެޗްގައި އޮތް ބަލި މީހެއްގެ އާއިލާ މެމްބަރެއް ކަމަށެވެ.

މިއާއެކު ފިޔަވަތިން އެ ސެންޓަރުގެ 11 މުވައްޒަފަކާއި 21 ކުއްޖަކު ފިޔަވަތީގައި ކަރަންޓީންކޮށްފައިވާކަމަށް ނަޒްލާ ވިދާޅުވިއެވެ. ކަރަންޓީންކުރި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 6 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު 150 ކުޑަ ކުދިން ތިބިއިރު، އޭގެތެރެއިން 12 އަހަރުން ދަށުގެ ސަތޭކައެއްހާ ކުދިން ބަލަހައްޓަމުންދަނީ ފިޔަވަތީގައެވެ.

ފިޔަވަތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިއަދު އައިޖީއެމްއެޗްއިން ވެސް ކޮވިޑުގެ އިތުރު ދެ ކޭސްވަނީ ފެނިފަ އެވެ.