English Edition
Dhivehi Edition
ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން. --ފޮޓޯ: ޔުވެންޓަސް.ކޮމް

އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ޓޮރީނޯ އަތުން 4-1 އިން މޮޅުވެ ޔުވެންޓަސް އިން ލީގުގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއްނެގިއިރު، ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އެ ޓީމުގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ގާއިމްކޮށްފިއެވެ.

ރޭގެ ނަތީޖާއާއެކު ޔުވެންޓަސް އަށް މިހާތަނަށް 30 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ލާޒިއޯ އޮތީ 68 ޕޮއިންޓާ އެކު އެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އިންޓަ މިލާނެވެ. ހަތަރުވަނައިގައި އޮތް އެޓަލާންޓާ އަށް ލިބިފައިވަނީ 60 ޕޮއިންޓެވެ.

ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެލަނޑުޖަހާފައެވެ. އެގޮތުން، ރޭގެ މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑްނަގައިދިނީ ޕައޮލޯ ޑިބާލާ އެވެ. މިއީ ލީގުގައި ކުޅުނު 28 ވަނަ މެޗުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ.

އޭގެފަހުން، މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދިން ބޯޅައަކުން ހުއާން ކުއަޑްރާޑޯ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން، އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޓޮރީނޯ އަށް ފަރަގު ކުޑަކޮށްދިނީ އަންދްރޭ ބެލޮއްޓީ އެވެ.

ޔުވެންޓަސްގެ ތިންވަނަ ލަނޑު، މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކުރީ ރޮނާލްޑޯ އެވެ. މިއީ ޔުވެންޓަސް އަށް ބަދަލުވިފަހުން ހިލޭޖެހުމަކުން ޖެހި ފުރަތަމަ ގޯލެވެ. އަދި އޭނާގެ ކެރިއަރުގައި ހިލޭޖެހުމަކުން މިހާތަނަށް ކާމިޔާބުކުރި 55 ވަނަ ލަނޑެވެ. ޔުވެންޓަސް އިން ޖެހި ފަހު ގޯލަކީ ޓޮރީނޯގެ ކޯފީ ޖިޑްޖީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ރޭގެ މެޗުގައި ޔުވެންޓަސްގެ ގޯލް ބެލެހެއްޓި އިޓަލީގެ ތަޖުރިބާކާރު ކީޕަރު ބުފޮން ވަނީ ލީގުގައި 648 މެޗު ހަމަކޮށް، އޭސީ މިލާންގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ 647 މެޗު ކުޅެގެން ގާއިމްކޮށްފައިވާ ރެކޯޑް މުގުރާލައިފައެވެ.

މީގެއިތުރުން، ރޭގެ މެޗުގައި ޖެހި ގޯލާއެކު ރޮނާލްޑޯ ވަނީ މި ސީޒަނުގެ ލީގުގައި 25 ގޯލް ހަމަކޮށް އެ އަދަދަށް އިޓާލިއަން ލީގާއި ސްޕެނިޝް ލީގާއި ޕްރިމިއާ ލީގުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ދެވަނައިގައި އުޅޭ ލާޒިއޯ ވަނީ މިލާން އަތުން 3-0 އިން ބަލިވެ، ލީގު ހޯދުމަށް ކުރަމުން އައި އުއްމީދުތަކަށް ހުރަސްތަކެއް ކުރިމަތިވެފައެވެ. ލާޒިއޯގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި މިލާނުގެ ލަނޑުތައް ޖަހައިދިނީ ހަކާން ޗަހަނަގްލޫ އާއި ޒްލަޓާން އިބްރަހިމޮވިޗް އަދި އަންޓެ ރެބިޗެވެ. މިއީ ކޮވިޑް-19 އަށް ފަހު ލީގު އަލުން ފެށި ފަހުން މިލާން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ތިންވަނަ މެޗެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.