English Edition
Dhivehi Edition

ކޮވިޑް19 އާއި ގުޅިގެން ލޮކްޑައުންގައި އޮތް މިދަނޑިވަޅުގައި އިންޑިއާގެ މުމްބާއީގެ ގެތަކުގެ ކަރަންޓްބިލް އާދަޔާހިލާފަށް ބޮޑުވުމާއި ގުޅިގެން ބައެއް ފިލްމީތަރިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓިވީ ތަރި އަރުޖުން ބިޖްލާނީ ސޯޝަލްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ކަރަންޓްބިލަށް އަރާފައިވަނީ 48،970ރުޕީސް ކަމަށާއި މިއަދަދު ބޮޑު ވުމާއި ގުޅިގެން އޭނާ ކަންބޮޑުވާ ކަމަށެވެ. މީގެ އިތުރުން ޓީވީތަރި ދަލްޖެތް ވެސް ބުނެފައިވަނީ އޭނާގެ ގޭގެ ކަރަންޓްބިލަށް އަރާފައިވަނީ 40،000ރުޕީސް ކަމަށެވެ. ކަރަންޓް ބިލްބޮޑުވުމުން ދަލްޖެތް ވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް، ޓާޓާޕަވާ ކުންފުންޏަށް ޓެގްކުރުމަށްފަހު ބިލަށް ވީގޮތެއް ސާފުކޮށް ދިނުމަށްވެސް އެދިފައެވެ.

މިދިޔަމަހު ކަރަންޓް ބިލް ބޮޑުވެގެން ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރި ބައެއް ބޮލީވުޑް ތަރިންގެ ތެރޭގައި ތާޕްސީ، ނިމްރަތް ކައުރ، ސޯހާ އަލީހާން އަދި ނޭހާ ދުޕިޔާ ހިމެނެއެވެ. މިތަރިންވެސް ވަނީ ޖޫންމަހުގެ ބިލް ބޮޑުވި ސަބަބު ނޭނގިގެން އެކަމާ ކަންބޮޑުވާ ކަމަށް ބުނެފައެވެ.

ލޮކްޑައުންގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާ އިރު ބައެއް ގައުމުތަކުންވަނީ ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތަކުން، ވަރަށް ބޮޑު ލުއިތަކެއް ދީފައެވެ.

ކޮވިޑް19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް މިހާރު ލުޔެއް ދީފައިވާއިރު،މި ފާއިތުވެދިޔަ ޖޫންމަހު، ދިވެހިރާއްޖޭގެވެސް ބައެއް ގެބީސީތަކަށް ލިބުނު ކަރަންޓް ބިލް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އެތައްބަޔަކުދަނީ ކުރަމުންނެވެ.