English Edition
Dhivehi Edition
Female Elementary School Pupils Whispering In Playground

މި މުޖުތަމަޢުގައި ބުލީކުރުން ނުވަތަ ގަނާ ކުރުން މިވަނީ އިންތިހާ ދަރަޖައަކަށް ގޮސްފައެވެ. މިކަމުގައި ވަކިއުމުރެއް ވަކި ޖިންސެއް ނެތް އިރު ސްކޫލް ދުވަސްވަރުން ފެށިގެން ގަނާގެ ޝީކާރައަކަށްވަމުންދާ ކުދިންގެ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. އާންމުގޮތެއެްގައި ސްކޫލްތެރެއިން ދިމާވާ ގަނާކުރުމުގެ ހާދިސާތައް މައިންބަފައިންނާއި ހިއްސާކުރަން ބޭނުން ނުވާއިރު، ގަނާކުރުމާއި ކުރިމަތިލާންޖެހޭ ކުދިންނަށް އެކަމުގެ ނޭދެވޭ އަސަރު މުޅި އުމުރަށްކުރެއެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމާއި،ސްކޫލަށް ދާން ދެކޮޅު ހެދުމާއި، މީހުންނާއި ކުރިމަތިލާންޖެހިލުންވުމުގެ އިތުރުން ޑިޕްރެޝަންއަށް ދިއުމަކީވެސް ގަނާކުރުމާއި ގުޅިފައިވާ ކަންތައްތަކެވެ.

ގަނާގެ ޝިކާރައަކަށް ވުމުގެ ކުރިން މައިންބަފައިން، ދަރިން އެކަމުން ސަލާމަތްކުރަން މަސައްކަތްކުރަންޖެހެއެވެ. އެފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ރުޅި އިސްކުރުމުގެ ބަދަލުގައި، މައިންބަފައިންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދަރިންނަށް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. މީގެ އިތުރުން ހާލަތާއި ވަގުތާއި ގުޅޭގޮތުން ކަންތައްތައް ކުރަންވީ ގޮތުގެ ރަނގަޅު އިރުޝާދު ދަރިންނަށް ދިނުމާއެކު އެކަމާއި ކުރިމަތިލާން ދަސްކޮށްދޭންޖެހެވެ.

ގަނާގެ ޝީކާރައަކަށްވުމުގެ ކުރިން އެކަން ހުއްޓުވުން:

  • ގަނާކުރުމުގެ ނުބައި އާދަ އެންމެ ފުރަތަމަ ފެށިގެން އަންނަނީ ގޭތެރޭގެ މާހައުލުންނެވެ. އެހެންކަމުން ތިމާގެ ދަރިން ދިރިއުޅޭ މާހައުލަކީ އެފަދަ ނުބައިކަމަކުން ސަލާމަތްވެފައިވާ ރައްކާތެރި މާހައުލެއްކަން ޔަގީންކުރާށެވެ. ދަރިންގެ މެދުގައި ތަފާތުކުރުން ހުއްޓާލުމާއެކު، އެހެން މީހުންނަށް ފާޑުކިޔުމުގެ އާދަވެސް ހުއްޓާލަންޖެހެއެވެ.
  • ގަނާކުރުމާއި ބެހޭ ގޮތުން ދަރިންނާއި ވާހަކަދައްކުމަކީ ވަރަށް މުހިއްމު ކަމެކެވެ. އޭރުން ދަރިންނަށް އެކަމުގެ ރަގަޅު މައުލޫމާތު ލިބި ދިމާވާ އެފަދަ ހާދިސާތައް އެއްވެސް ފަސްޖެހުމެއް ނެތި މައިންބަފައިންނާއި ހިއްސާކުރާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.
  • އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ގަދަރު އިތުރުކޮށްދޭން މަސައްކަތް ކޮށްދިނުމާއެކު، ކަންކަމާއި ކުރިމަތިލާން ދަސްކޮށްދިނުމަކީ ވަރަށް މުހިއްމުކަމެކެވެ.

ގަނާކުރުމާއި ކުރިމަތިލާނީ ކިހިނެތް؟:

  • މީހަކު ތިމާއަށް ގަނާކުރާނަމަ، އަބަދުވެސް އެކަމަށް ފިނި ޖަވާބެއް ދޭށެވެ. އަދި އެފަދަ މީހުން ކުރާ މަލާމާތަށްވުރެ ތިމާގެ ގައިގައި ހުރި ރަނގަޅު ސިފަތައް މާ ގިނަކަން އަމިއްލަ ނަފްސަށް ވިސްނައިދޭށެވެ.
  • ގަނާކުރާ މީހާ ކުރިމަތީގައި އަމިއްލައަށް ދެރަވެ ރޯނަމަ އެފަދަ މީހުންނަށް ލިބިގެންދާނީ އިތުރު ހިތްވަރެކެވެ. އެހެންކަމުން އަބަދުވެސް ތިމާގެ ހިތްވަރާއި ކެރުން ދެއްކުމަށް މަސައްކަތްކުރާށެވެ. އަދި ތިމާއަކީ ކަންކަމުގައި ފަސްނުޖެހޭނެ މީހެއްކަން ސާބިތުކޮށްދޭށެވެ.
  • ގަނާކުރާ މީހާއާއި އަބަދުވެސް ހިނިތުންވުމާއި އުފާވެރިކަމާއެކު ބައްދަލުކުރާށެވެ.

ގަނާކުރުމާއި ދެކޮޅަށް ކުރެވިދާނެ ކަންތައްތައް:

  • ގަނާކުރާ ކުއްޖާގެ ބެލެނެވެރިންނާއި ވާހަކަދައްކާ އެކަން ހުއްޓުވުމަށް މަސައްކަތްކުރާށެވެ. އޭރުން އެފަދަ ކުދިންގެ ބެލެނެވެރިންނަށްވެސް ކުއްޖާގެ ކިބައިގައި ހުރި ނުރަގަޅު އާދަތައް ބަދަލުކުރުމަށް އެހީއަކަށް ވެގެންދާނެވެ.
  • ގަނާކުރުން ތަކުރާރުކޮށް ކުރިއަށްދާކަން ފާހަގަކުރެވޭނަމަ އެކަން ސްކޫލުގެ ކްލާސް ޓީޗަރު ނުވަތަ ޕްރިންސިޕަލްގެ ސަމާލުކަމަށް ގެންނާށެވެ.
  • އަބަދުވެސް ސްކޫލާއި ގާތްގުޅުމެއް ބާއްވާށެވެ. ސްކޫލުގައި ހިނގާ މިފަދަ ކަންތައްތައް ބައެއް ފަހަރު މުދައްރިސުންގެ ސަމާލުކަމަށް ނައިސްވެސް ހުރެދާނެއެވެ. އެހެންނަމަވެސް މުދައްރިސުން ކުށްވެރިކޮށް އިލްޒާމް އެޅުވުމުގެ ބަދަލުގައި މަޝްވަރާގެ އުޞޫލުގެ މަތިން ކަންތައް ކުރިއަށް ގެންދާށެވެ.ކުއްޖާގެ މުހިއްމު މައުލޫމާތުތައް އަބަދުވެސް މުދައްރިސުންނާއި ހިއްސާކުރުމަށް އިސްކަންދޭށެވެ. މީގެ އިތުރުން މައިންބަފައިން އަމިއްލައަށް ގަނާކުރުމާއި ދެކޮޅަށް، މަސައްކަތްކުރުމާއެކު ކުދިން އެކަމަށް ތައްޔާރުކޮށް ގަނާ ކުރުމާއި ދެކޮޅަށް ތެދުވުމުގެ ރޫހު ކުދިންގެ ކިބައިގައި އަށަގެންނަވާށެވެ. އެކަމާއި ދެކޮޅަށް ކުރެވިދާނެ ކަންކަން ބުނެދޭށެވެ. ދިރިއުޅުމުގައި ދިމާވާ މިފަދަ ދަތިވަގުތު ތަކުގައި މައިންބަފައިން ކައިރީގައި ނެތްނަމަވެސް، އަބަދުވެސް އެކަންކަމާއި ހިތްވަރާއި ކެރުމާއެކު ކުރިމަތިލާން ދަސްކޮށްދިނުމަކީ އެކުދިންގެ މުސްތަގުބަލަށްޓަކައިވެސް އެޅިގެންދާނެ ރަގަޅު ފިޔަވަޅެކެވެ.