English Edition
Dhivehi Edition
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އީސީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުޞަތުގައި އިތުރު ތިން ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން މިއަދު ކުރި އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ދެ ކެންޑިޑޭޓަކާއި، އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓެކެވެ.

އެގޮތުން ނަން އަނބުރާ ގެންދިޔަ އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ހއ. މުރައިދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލީ މިޢުނާ ޙަސަން، ހިޔަލީގެ / ހއ. މުރައިދޫ އާއި ހއ. އުލިގަމު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުތިމަތިލީ ނިޢުމާ އަބޫބަކުރު، ނޫކޮކާގެ / ހއ. އުލިގަން އެވެ.

އަދި އަމިއްލަ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައި ވަނީ ތ. ވަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލީ އާމިނަތު ޝިފާނާ، ދަނބުގެ / ތ. ވަންދޫ އެވެ.

މީގެ ކުރިންވެސް އިންތިޚާބަށް ކުރިމަތިލީ ފަސް ކެންޑިޑޭޓަކު ވަނީ އަނބުރާ ނަން ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ދެ ކެންޑިޑޭޓަކާއި، ޕީޕީއެމްގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލި ދެ ކެންޑިޑޭޓެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އީސީން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިޢުލާނު ކުރާނެ ކަމަށެވެ.