ބ. ތުޅާދޫ ބޮޑުފިނޮޅު ރިސޯޓް ހެދުމުގެ މަސައްކަތުގައި އުޅޭ ބިދޭސީން ރަހީނުކޮށް ހިފެހެއްޓި 12 ދިވެހީން ސަލާމަތް ކޮށްފިއެވެ.
ފުލުހުން ގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސުލްޙަ ވެރިކަމާއެކު މައްސަލަ ޙައްލު ކުރުމަށް މަޝްވަރާކުރަމުންދާ ކަމަށާއި މިހާތަނަށް ކުރެވުނު މަޝްވަރާއިން މައްސަލަ ޙައްލު ކުރުމަށް ފުލުހުންނަށް އެއްބާރުލުން ދޭން އެމީހުންވަނީ އެއްބަސް ވެފައިކަމަށެވެ. އެއެންމެންވެސް ޢަމަލު ކުރަމުންދަނީ ފުލުހުން އަންގާ ގޮތެއްގެ މަތިން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް ކަމަށާއި އެއްވެސް ބަޔަކު ފިލުންފަދަ ކަމެއް ނުހިންގާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންގެ ސީން އޮފް ކްރައިމް އޮފިސަރުންގެ ޓީމަކާއި ތަޙުގީގު ޓީމެއް ބޮޑު ފިނޮޅުގައި ޙަރަކާތްތެރިވާންފެށީ މިރޭ ފަތިހުގެ ވަގުތެއްގައެވެ. މިޙާދިސާގައި ފުލުހުންނާއި ބިދޭސީންނާއި ދެމެދު އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާއިރު ހުރިހާ އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއެވެ.
މިހާތަނަށް އަދި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިނުވާއިރު އެ، ރަށުގައި ބަންގްލަދޭޝްގެ މީހުންގެ އިތުރުން ލަންކާ އަދި އިންޑިއާގެ މީހުންވެސް މަސައްކަތް ކުރަމުންދެއެވެ.
ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމުގެ ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅޭ އެއެންމެން ހަޅުތާލު ކުރަންފެށީ މުސާރަ ނުދޭތާ 6 މަސްވެފައިވާ ކަމަށް ބުނެއެވެ.
.
ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސް ކުންފުނީގެ ފަރާތުން ތަރައްގީ ކުރަމުންދާ ރިސޯޓެކެވެ. އެ ރިސޯޓްގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ ރިޒް ޕްރައިވެޓް ލިމިޑެޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސް ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ މަސައްކަތު މީހަކަށް 7،000 ރުފިޔާ އާއި ކެއުމުގެ ހަރަދު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ މުސާރަތައް ދެމުން ނުދާ ކަމަށް ބަޔާނުގައިވެއެވެ.
ރިޒް ކުންފުނިން ބުނި ގޮތުގައި އެ ބިދޭސީންގެ ވަރަށް އަސާސީ ހައްގުތަކުން މަހުރޫމްކޮށް މީހުން ޓްރެފިކް ކުރުން ކަމުގައި ބެލެވިދާނެ ފަދައިން އެމީހުން ލައްވާ މަޖުބޫރު ކުރުވައިގެން މަސައްކަތް ކުރުވާފައިވެއެވެ.. އެކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދީފައިނުވާއިރު ސީލް މޯލްޑިވްސްގެ މުވައްޒަފުންނަށް މުސާރަ ދެމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. ރިސޯޓްގެ ބޮޑު ބައެއް މިހާރު ވަނީ ހަދާ ނިމިފަ އެވެ. އެކަމާ ގުޅިގެން ހަމަނުޖެހުން ހިނގައިދާނެތީ އެމައްސަލަ ސީލް މޯލްޑިވްސް ކުންފުންޏާއި ފުލުހުންގެ ސަމާލު ކަމަށް މީގެކުރިން ގެނެސްފައިވާނެ ކަމަށް ވެސް ރިޒް ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.