އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން މޮޅުވިއިރު، ތާވަލްގެ ތިންވަނައިގައި އޮތް ލެސްޓާ ސިޓީ ބަލިވުމުގެ ފައިދާނަގައި އެ މަގާމަށް އަރަން ލިބުނު ފުރުޞަތު ހަތަރުވަނައިގައި އޮތް ޗެލްސީން ނަގާލައިފިއެވެ.
އާސެނަލުން ތާވަލްގެ އެންމެ ފުލުގައި އުޅޭ ނޯވިޗް ސިޓީ އަތުން އަމިއްލަ ދަނޑުގައި 4-0 އިން މޮޅުވިއިރު، ލެސްޓާ ވަނީ ރަށުން ބޭރުގައި އެވަޓަން އަތުން 2-1 އިން ބަލިވެފައެވެ. ޗެލްސީ ބަލިވީ ރެލިގޭޝަނުގެ ބިރުވެރިކަމުގެ ތެރޭގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-2 އިންނެވެ.
ރޭގެ މެޗުތަކަށްފަހު ލީގުގެ ތިންވަނައިގައި އަދިވެސް އުޅެނީ ލެސްޓާ އެވެ. އެ ޓީމަށް 32 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ޗެލްސީ އެވެ. ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި، ހަ ވަނައިގައި އޮތް ވުލްވަހެމްޕްޓަން ވޮންޑަރާސް އަށް ލިބިފައިވަނީ 32 މެޗުން 52 ޕޮއިންޓެވެ. އާސެނަލް ވަނީ 32 މެޗުން 46 ޕޮއިންޓް ހަމަކޮށް، ތާވަލްގެ ހަތްވަނަ އަށް ޖެހިލާފައެވެ.
ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅެވުނު ލަންޑަން ޑާބީގައި ޗެލްސީގެ އެމެރިކާ ފޯވާޑް ކްރިސްޓިއަން ޕުލިސިޗް ލީޑްނަގައިދިނުމާ ގާތަށް ޖެހިލިއިރު، އޭގެކުރީން އެ ޓީމުގެ މާކަސް އަލޮންސޯ އާއި ވިލިއަންގެ އިތުރުން ރޮސް ބާކްލޭ ފޮނުވާލި ހަމަލާތައް ވެސްޓް ހޭމްގެ ގޯލްކީޕަރު ލޫކަސް ފަބިއާންސްކީ މަތަކުރިއެވެ. އޭގެފަހުން، މެޗުގެ 34 ވަނަ މިނެޓުގައި ވެސްޓް ހޭމުން ގޯލެއް ކާމިޔާބުކުރި ނަމަވެސް، ރެފްރީ ވަނީ ވީއޭއާރް އިން ބެލުމަށްފަހު ތޯމަސް ސޫޝެކް އެ ބޯޅަ ފޮނުވާލިއިރު އެ ޓީމުގެ މިޚައިލް އެންޓޯނިއޯ އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ގޯލް ބަލައިނުގަންނަން ނިންމާފައެވެ.
ޗެލްސީން ލީޑްނެގީ މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމުގެ ޕުލިސިޗް އަށް ވެސްޓް ހޭމްގެ އިސާ ޑިއޮޕް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ބްރެޒިލްގެ ވިންގާ ވިލިއަން އެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ވެސްޓް ހޭމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖަރެޑް ބޯވެން ތަނަވަސްކުރި ފުރުޞަތަކުން ސޫޝެކް އެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި ވެސްޓް ހޭމަށް އަލުން ލީޑްނަގައިދިނީ އެންޓޯނިއޯ އެވެ. އޭގެފަހުން، މެޗުގެ 72 ވަނަ މިނެޓުގައި ޗެލްސީ އަށް ދެވަނަ ފަހަރަށް ލީޑްނަގައިދިނީ ލިބުނު ހިލޭޖެހުމަކުން ވިލިއަން އެވެ. ވެސްޓް ހޭމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ޔޫކްރޭންގެ ފޯވާޑް އެންޑްރީ ޔާމޮލެންކޯ އެވެ.
ލީގުގައި ރޭ ލެސްޓާ ކުޅުނު މެޗުގައި އެވަޓަން އިން ވަނީ ފުރަތަމަ ހާފުގެ 16 މިނެޓުގެ ތެރޭގައި ދެލަނޑުގެ ލީޑެއް ނަގާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، ބްރެޒިލްގެ ފޯވާޑް ރިޗާލިސަން ކާމިޔާބުކޮށްދިންއިރު، ލިބުނު ޕެނަލްޓީއަކުން އައިސްލެންޑްގެ ގިލްފީ ސިގަޑްސަން ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މި މެޗުގެ ފުރަތަމަ ހާފު މި ނަތީޖާގައި އޮވެގެން ނިމުނުއިރު، ފަހު ހާފުގައި ނިކުމެ ލެސްޓާ އިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އޭގެނަތީޖާއެއްގެ ގޮތުން، މި ހާފުގައި ކުޅެން ނިކުތް ކެލޭޗީ އިހިއަނާޗޯ ވަނީ ކުޅުން ފެށިތާ ކުރީކޮޅު ލެސްޓާ އަށް ފަރަގުކުޑަކޮށްދީފައެވެ. އޭގެފަހުން، ލެސްޓާ އަށް ލަނޑުޖެހުމަށް ލިބުނު ގިނަ ފުރުޞަތުތައް ނާކާމިޔާބުކޮށްލުމުގައި އެވަޓަންގެ އިނގިރޭސި ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މޮޅުކުޅުމެއް ދައްކާފައެވެ.
ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލުމަށްފަހު ލީގުގެ ކުޅުން އަލުން ފެށިފަހުން ވަރަށް ބޮޑަށް ފޯމެއް ގެއްލިފައި އޮތް އާސެނަލުން އެންމެ ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވިނަމަވެސް، އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފައެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑްނެގީ ނޯވިޗްގެ ކީޕަރު ޓިމް ކްރުލް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ކެޕްޓަން ޕިއޭ-އެމެރިކް އޯބަމަޔަން އެވެ. މިއީ ލީގުގައި އާސެނަލަށް އޭނާ ޖަހައިދިން 50 ވަނަ ގޯލެވެ.
އާސެނަލުން މި މެޗުގައި ޖެހި ދެވަނަ ލަނޑު، ފުރަތަމަ ހާފު ނިމެން 8 މިނެޓަށްވެފައިވަނިކޮށް އޯބަމަޔަން ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ގްރެނިޓް ޒާކާ އެވެ. އޭގެފަހުން، މެޗުގެ 67 ވަނަ މިނެޓުގައި ނޯވިޗްގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި އޯބަމަޔަން ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. އާސެނަލްގެ ފަހު ގޯލްޖެހީ އަނިޔާއަށް ފަހު ކުޅުމަށް އެނބުރިއައި ޕޯޗުގަލްގެ ފުލްބެކް ސެޑްރިކް ސޮއާރޭސް އެވެ. މިއީ ޖަނަވަރީ މަހު ސައުތެމްޓަނުން އާސެނަލަށް ބަދަލުވިފަހުން އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، ރާއްޖޭގަޑިން 22:30 ގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާ ނިކުންނައިރު، ފަހު މެޗުގައި ދަންވަރު 00:15 ގައި ލީގުގެ ޗެމްޕިއަން ލިވަޕޫލް ރަށުން ބޭރުގައި ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.