ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.
މި މަގާމަށް އައްޔަނު ކުރައްވާފައިވަނީ ފާރިސް ހަދާދު-ޒާވޮސް އެވެ. މީގެ ކުރިންވޯލްޑް ބޭންކުން ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރުގެ މަގާމުގައި ހުންނެވި ފާރިސް މި މަގާމަށް އައްޔަން ކޮށްފައިވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅާ އެ ބޭންކުގެ އެހެން މަސްއޫލިއްޔަތަކާއި ހަވާލުވެ ވަޑައިގަތުމުންނެވެ.
ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ހުންނަ ރާއްޖެ، ނޭޕާލް އަދި ސްރީލަންކާގެ ސަރަހައްދީ އޮފީހުގައި ހުންނަވައިގެން، ފާރިސް މަސައްކަތް ކުރައްވާނީ މި ތިން ގައުމުގައި ހިންގޭ ގާތްގަނޑަކަށް 5.5 ބިލިއަން ޑޮލަރުގެ މަޝްރޫއުތަކަށް ވޯލްޑް ބޭންކުން ދޭ އެހީތެރިކަން ބައްޓަންކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވުމުގަ އެވެ.
1996 ވަނަ އަހަރު ވޯލްޑް ބޭންކާއި ގުޅިވަޑައިގެންނެވި ފާރިސްވަނީ މީގެ ކުރިން މެލޭޝިއާ އަދި ބޮލީވިއާގައި ކަންޓްރީ މެނޭޖަރުކަންވެސް ކުރައްވާފާއެވެ. މީގެ އިތުރުން އޭނާ ފުރުއްވާފައިވާ އެހެނިހެން މަގާމުތަކުގެ ތެރޭގައި ގަލްފްގެ ގައުމުތަކާއެކު ކުރިއަށްގެންދެވޭ ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމްގެ މެނޭޖަރުކަން، ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހުންނަވާ އޮޕަރޭޝަންސް މެނޭޖަރުކަމުގެ އިތުރުން އިރާގުގެ ހެޑް އޮފް މިޝަން، ގެ މަގާމު ހިމެނެ އެވެ.