ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން އިމާރާތްކޮށް ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ގިނަ ފްލެޓްތަކުން ކުލި ނުދައްކާކަމަށް ވޯލްޑް ބޭންކުން ހާމަކޮއްފިއެވެ.
ވޯލްޑް ބެންކުން މިމަހު ނެރެފައިވާ “މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް” ރިޕޯޓުގައި ބުނެފައިވަނީ ހިޔާގެ 6338 ފްލެޓެއްގެ ތެރެއިން 2345 ފްލެޓް ނުވަތަ 37 އިންސައްތަ ފްލެޓުން ކުލި ނުދައްކާކަމަށާއި ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދޫކޮށްފައިވާ 800 އެއްހާ ފްލެޓަށްވެސް ފައިސާ ނުދައްކާކަމަށެވެ.
ވޯލްޑް ބެންކުން ބުނީ ކުލި ނުދައްކާ ފަރާތްތަކަށް ކުލި ބަހާލައިގެން ދެއްކުމަށް ފުރުސަތު ދިންނަމަވެސް އެކަމަށް މާބޮޑު ކުރިއެރުމެއް ނުލިބޭކަމަށެވެ. އަދި ފްލެޓްތަކަށް ކުލި ނުދައްކާ ނަމަ ތަން އަތުލުމުގެ ބާރު އެޗްޑީސީއަށް އޮތަސް، އެޗްޑީސީން އެކަން ތަންފީޒުނުކުރާކަމަށްވެސް ވޯލްޑް ބެންކުގެ ރިޕޯޓުގައިވެއެވެ.
ވޯލްޑްބޭންކުގެ އެ ރިޕޯޓުގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަކީ ރާއްޖެއާ ނުގުޅޭ ގޮތަކަށް، މާ އަގު ބޮޑުކޮށް ހިންގާފައިވާ މަޝްރޫޢެއްކަމަށެވެ.
“ހިޔާ މަޝްރޫއަކީ އޭގެ އަގު ވަރަށް ބޮޑު އަދި އެ މަޝްރޫއަށް ނެގި ދަރަނީގެ ބުރަވެސް ބޮޑު މަޝްރޫއެއް. ހިޔާ މަޝްރޫއު ހިންގަން ޖުމްލަ 10.5 ބިލިއަން ރުފިޔާ ހަރަދުވެފައިވޭ. 10 ބިލިއަން ރުފިޔާއަކީ ހިޔާ މަޝްރޫއާ އަޅާބަލާއިރު ބޮޑު އަގެއް. މިކަމުގެ ސަބަބުން ކޮންމެ ފްލެޓަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން 490356 ރުފިޔާ ހަރަދުކުރަންޖެހޭ” މި ރިޕޯޓުގައި ބުނެފައިވެއެވެ.
ވޯލްޑް ބެންކުގެ ރިޕޯޓުގައިވާ ގޮތުން ހިޔާ ފްލެޓްތައް އިމާރާތްކުރުމަށް ނަގާފައިވާ ލޯނުތަކަކީ ކުރު މުއްދަތެއްގައި ދައްކަން ޖެހޭ ގޮތަށް ބޮޑު އިންޓަރެސްޓް ރޭޓްގައި ނަގާފައިވާ ލޯނުތަކެއްކަމަށެވެ. އަދި އެކަމުގެ ބުރަ ބޮޑުވެ، 2019 ވަނަ އަހަރުވެސް އެޗްޑީސީން 40 މިލިއަން ޑޮލަރު ނުވަތަ 616 މިލިއަން ރުފިޔާގެ ލޯނެއް ނަގަން ޖެހުނުކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ އެހެން ކަންކަމުގެ ތެރޭގައި ހިޔާ ފްލެޓް މަޝްރޫއުގެ ޑިޒައިން އާއި ހިންގަން ރާވާފައިވާ ގޮތަކީ ރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަ ވައްޓަފާޅިއާ ނުގުޅޭ ގޮތްތަކެއްކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އެތަންތަން ނުނިންމާ ދިނުމުގެ ސަބަބުން އެތަންތަނަށް ވަންނަން ޖެހުނު ރައްޔިތުންނަށްވެސް ބުރަ ބޮޑުވެފައިވާކަމަށެވެ.