ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، މި މެޗުގައި ޖެހި ލަނޑާއެކު އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކެރިއަރުގައި 700 ގޯލް ހަމަކޮށްފިއެވެ.
ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ރަށުން ބޭރުގައި ސެލްޓާ ވީގޯއާ 2-2 އިން އެއްވަރުވެފައިވާއިރު، ރޭގެ މެޗަކީ ލީގުގައި ބާސެލޯނާ އިން ވިދިވިދިގެން މޮޅުނުވެ ނިންމާލަން ޖެހުނު ދެވަނަ މެޗެވެ. މިއާއެކު ލީގުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ކުރިއަށް ޖެހިލުމަށް އެ ޓީމަށް ލިބުނު ފުރުސަތު ގެއްލި، ތައްޓަށް ކުރަމުން އަންނަ އުއްމީދުތަކަށް ވަނީ ހުރަސް އެޅިފައެވެ.
މި ނަތީޖާއާއެކު އަދިވެސް ލީގުގެ އެއްވަނައިގައި އުޅޭ ރެއާލަށް 32 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން އެއް މެޗު އިތުރަށް ކުޅެގެން ދެވަނައިގައި އޮތީ ބާސެލޯނާ އެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ އަށް 59 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ސެވިއްޔާ އެވެ.
ބާސެލޯނާގެ ކޭމްޕް ނޯ ގައި ރޭ ކުޅުނު މި މެޗުގެ ކުރީކޮޅު އެ ޓީމަށް ލީޑްނަގައިދިނުމަށް އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އާއި ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ އެތުލެޓިކޯގެ ގޯލްކީޕަރު ޔަން އޯބަލަކް އެވެ. ނަމަވެސް، މެޗުގެ 11 ވަނަ މިނެޓުގައި އެތުލެޓިކޯގެ ޑިއޭގޯ ކޮސްޓާ އަތުން ބައިކޮޅަށް ވަތް ގޯލަކުން ބާސެލޯނާ އިން ވަނީ ލީޑްނަގާފައެވެ.
އޭގެ 8 މިނެޓުފަހުން، އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ސައުލް ނިގުއޭޒް އެވެ. މިއީ އެ ޓީމުގެ ޔަނިކް ފެރެއިރާ ކަރަސްކޯ އަށް ބާސެލޯނާގެ އާތުރޯ ވިޑާލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ އެންމެ ފުރަތަމަ ކޮސްޓާ ފޮނުވާލުމުން ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރެ ޓަ ސްޓެގަން މަތަކުރިއެވެ. ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އެ ބޯޅަ ފޮނުވާލުމުގެ ކުރީން ޓަ ސްޓެގަން ގޯލް ލައިންގެ ކުރިއަށް ނިކުތުމުން ދެވަނަ ފަހަރަށް ފޮނުވާލައިގެން ސައުލް ކާމިޔާބުކުރިއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރީން ބާސެލޯނާ އަށް ދެވަނަ ފަހަރަށް ލީޑްނަގައިދިނުމަށް އެ ޓީމުގެ ކެޕްޓަން މެސީ އަށް ވަނީ ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެގޮތުން، އެތުލެޓިކޯގެ ޕެނަލްޓީއޭރިޔާގެ ކަނާތްފަރާތުގައި ހުރެ މެސީ ފޮނުވާލި ބޯޅަ، ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައިވާއިރު، ޕެނަލްޓީއޭރިޔާބޭރުން ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ އެތުލެޓިކޯގެ ކީޕަރު އޯބްލަކް މަތަކުރިއެވެ.
?7⃣0⃣0⃣?
Lionel Messi has now scored 700 goals in his professional career! ?#BarçaAtleti pic.twitter.com/GG2nbT18MG
— LaLiga English (@LaLigaEN) June 30, 2020
ބާސެލޯނާ އިން ދެވަނަ ފަހަރަށް ލީޑްނެގީ ފަހު ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައިި އެ ޓީމުގެ ނެލްސަން ސެމޭޑޯ އަށް އެތުލެޓިކޯގެ ފެލިޕޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން މެސީ އެވެ. މި ގޯލާއެކު މެސީ ވަނީ ކެރިއަރުގައި މިހާތަނަށް 700 ލަނޑުޖެހި ހަތްވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މެސީގެ 700 ގޯލްގެ ތެރެއިން، ބާސެލޯނާ އަށް 630 ލަނޑުޖަހައިދީފައިވާއިރު، އާޖެންޓީނާގެ ގައުމީ ޓީމަށް ވަނީ 70 ގޯލް ޖަހައިދީފައެވެ.
އުމުރުން 33 އަހަރުގެ މެސީގެ އިތުރުން ކެރިއަރުގައި މިހާތަނަށް 700 ލަނޑުޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގައި ހިމެނެނީ ވާދަވެރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ (728)، ގާޑް މުލާ (735)، ފްރެންކް ޕުސްކަސް (746)، ޕެލޭ (767) އާއި ރޮމާރިއޯ (772) އަދި ޖޯސެފް ބިކަން (805) އެވެ.
އެތުލެޓިކޯ އަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 62 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސައުލް އެވެ. މި ފަހަރުވެސް އެ ޓީމަށް ޕެނަލްޓީ ހޯދައިދިނީ ޔަނިކް ކަރަސްކޯ އެވެ. މިއީ ބާސެލޯނާގެ ސެމޭޑޯ އޭނާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، ބާސެލޯނާ އަށް މެޗުން މޮޅުކޮށްދިނުމަށް ޗިލީގެ މިޑްފީލްޑަރު ވިޑާލް އަށް ރަނގަޅު ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި ސެލްޓާ އަތުން 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ރެއާލް މަޔޯކާ އިން ރެލިގޭޝަނާ ދުރަށް ޖެހިލުމުގެ ފުރުޞަތު ބޮޑުކުރިއިރު، ސެވިއްޔާ ވަނީ ރަށުން ބޭރުގައި 3-0 އިން ލެގަނޭސް ބަލިކޮށްފައެވެ.