English Edition
Dhivehi Edition

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ޕެރަގުއޭ އަތުން 1-0 އިން މޮޅުވެ އާޖެންޓީނާ އެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުޞަތު ހޯދިއިރު، އުރުގުއޭއާ ދެކޮޅަށް ޗިލީ ކުޅުނު މެޗުން 1-1 އިން އެއްވަރުވިނަމަވެސް އެ ޓީމުން އަނެއް ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތް އާޖެންޓީނާ އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، އޭދެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޗިލީ އެވެ. ތިންވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދާފައިވާ ޕެރަގުއޭ އެވެ. ހަތަރުވަނައިގައި އޮތް އުރުގުއޭ އަށް ދެ މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ބޮލީވިއާ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ބްރެސިލިއާގައި ހުންނަ އެސްޓާޑިއޯ ނެސިއޮނާލްގައި ރޭ ކުޅުނު މެޗު ފެށިގެން 10 ވަނަ މިނެޓުގައި އާޖެންޓިނާ އިން ލީޑްނެގީ އަލެހަންދްރޯ ގޯމޭޒް (ޕާޕޫ ގޯމޭޒް) ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޕީއެސްޖީގެ ހުނަރުވެރި ވިންގާ އެންހެލް ޑި މާރިއާ ދިން ބޯޅައަކުން ގޯމޭޒް ޖެހި ގޯލެކެވެ.

ރޭގެ މެޗާއެކު އާޖެންޓިނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެގެން ހަވިއާ މަޝެރާނޯ ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފައެވެ. މަޝެރާނޯ އާއި މެސީ ވަނީ މިހާތަނަށް އާޖެންޓީނާ ގައުމީ ޓީމަށް 147 މެޗު ކުޅެފައެވެ. މެސީ އަކީ އެ ޓީމަށް 73 ލަނޑުޖަހައިދީގެން މިހާތަނަށް އެ ގައުމުގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ ވެސް މެއެވެ.

އުރުގުއޭއާ ދެކޮޅަށް ޗިލީ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ޗިލީ އިންނެވެ. ބެން ބްރެރެޓަން ދިން ބޯޅައަކުން އެ ޓީމަށް މިލަނޑުޖަހައިދިނީ އެޑުއާޑޯ ވާގަސް އެވެ. މި މެޗުގައި އުރުގުއޭ އިން އެއްވަރުކުރި ލަނޑަކީ ޗިލީގެ މިޑްފީލްޑަރު އާޓުރޯ ވިޑާލް އަތުން ބައިކޮޅަށް ގޯލެކެވެ.

މި މުބާރާތުގައި ދެން މެޗެއް ކުޅެވޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުގެ ފުރަތަމަ މެޗުގައި އެކުއޭޑޯއާ ޕެރޫ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް ނިކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.