English Edition
Dhivehi Edition
މާލެ ސިޓީގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ލޯންލީ ޕްލެނެޓް

ރަށްރަށުން މާލެ ދާން ބޭނުންވާ މީހުންނަށް މިހާރު އެއްވެސް ހުރަހެއް ނެތި ދެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް ކޮވިޑް 19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށް ދެއްވުމަށް އެންއީއޯސީގައި ރޭ ބޭއްވި ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގެ އެހެން ރަށަކުން މާލެއަށް ދަތުރުކުރާ މީހުން އެއްވެސް ހުއްދައެއް ނަގާކަށް މިހާރު ނުޖެހޭނެ ކަމަށެވެ.

“އެއްވެސް ޕާމިޓެއް މިކަމަށް ބޭނުން ނުވާނެ ” މަބްރޫކް ވިދާޅުވިއެވެ.

މާލެއަށް އެހެން ރަށްރަށުން ދިއުމަށް ހުއްދަނަގަން ނުޖެހުނަސް މާލެ ނޫނީ ކޮވިޑް ގެ ބަލިމަޑުކަން ފެތުރިފައިވާ ކޮންމެ ސަރަޙައްދަކުންވެސް އެހެން ރަށްރަށަށް ދަތުރު ކުރެވޭނީ ކުރިންވެސް ކަން ކުރަމުން އައި އުސޫލާއި އެއްގޮތަށް ހާލުބެލުން އެޕްނުވަތަ ވެބްސައިޓް މެދުވެރިކޮށް ހުއްދައަށް އެދި އެކަމުގެ ހުއްދަ ލިބުމުންނެވެ. މަބްރޫކް ވިދާޅުވީ ހާލު ބެލުން އެޕް މެދުވެރިކޮށް ހުއްދަ ލިބޭނެ ކަމަށާއި ހުއްދައިގެ ލިޔުން ލިބިފައިވާކަން މެސެޖް މެދުވެރިކޮށް ލިބުން ލަސްވާނަމަ އެޕްލިކޭޝަނަށް ވަދެ ޗެކް ކޮށްލަން އެދޭ ކަމަށެވެ.

 

އެއުސޫލުގެ ދަށުން އެދާރަށެއްގައި ކުރިއެކޭވެސް އެއްގޮތަށް 14 ދުވަހަށް ހޯމް ކަރަންޓީންގައިވެސް ހުންނަން ޖެހެއެވެ.