English Edition
Dhivehi Edition
އިސްލާމީ މަރުކަޒާއި އިސްލާމިކް މިނިސްޓްރީ - ފޮޓޯ: މޯލްޑިވްސް އައުޓްލުކް

ތިން މަސް ދުވަހަށްވުރެ ގިނަ ދުވަހު މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާޢާތުގައި ނަމާދުކުރުން މެދުކެނޑިފައި އޮތުމަށްފަހު، މާދަމާގެ މަޣްރިބު ނަމާދުން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އާއި ތިލަފުށީގެ އިތުރުން ގުޅިފަޅުގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދުކުރުން އެންމެ ރަނގަޅު ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ސަރކިއުލަރއެއްގައި ވަނީ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމަށް އަލުން ހުޅުވާލި ކަމުގައިވިޔަސް، ސިޓީ ކައުންސިލްތަކުންނާއި، ނަމާދަށް ދާ މީހުންގެ އިތުރުން އިމާމުން ޢަމަލުކުރަންވީ ގޮތްވެސް ބަޔާންކޮށްފަ އެވެ.

ސިޓީ ކައުންސިލުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓް އަޅާފައި ނެތުން
  • ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފުކުރުން
  • ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު މިސްކިތުގައި ހަމަޖެއްސުން
  • ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ޙާލަތެއްގައި ނޫނީ އެއާކޯން ބޭނުން ނުކުރުން
  • އެއާކޯން ބޭނުންކުރާނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭ ގޮތް ހެދުން

މިސްކިތަށް ނަމާދަށް ދާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުން
  • މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން
  • މާސްކު އެޅުން
  • މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
  • މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން
  • ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުން
  • ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑުނުކުރުން
  • މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން
  • މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން

އިމާމުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ބަންގިއަށް ފަހު ފަސް މިނިޓު ތެރޭގައި ޤަމަތް ދީ ނަމާދު ފެށުން
  • އެއްވެސް ނަމާދެއް ހަތް މިނެޓަށްވުރެ ދިގު ނުކުރުން
  • ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުން

މީގެ އިތުރުން މި ދަނޑިވަޅުގައިވެސް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި، ފަރުޟު ނަމދުގެ އިތުރުން ހެޔޮ ޢަމަލުތައް ގިނަކޮށް، ފެތުރިފައިވާ ބަލިމަޑިކަމުން ﷲގެ އަޅުތަކުން ސަލާމަތްކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތަށް ދުޢާ ދެންނެވުމުގައި ދެމިތިބުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފަ އެވެ.

“އަދި ހަމަ އެ ފަސައިން ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެންގެ ދުޢާ އިޖާބަ ކުރައްވައި، އެކަލާނގެ އޯގާވަންތަކަމާއި ދީލަތި ރަޙްމަތުން ފެތުރެމުންދާ ބަލީގެ ނުރައްކާ ކުޑަކުރައްވައި މިސްކިތުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރުމުގެ ފުރުޞަތު ފަހިވެފައިވާތީ، ﷲ އަށް ޝުކުރު ކުރުން މަތީ ދެމި ތިބުމަށް ރައްޔިތުންނަށް ވަޞިއްޔަތް ކުރަން.”، އެ ސަރކިއުލަރގައި ބުނެފައި ވެއެވެ.