English Edition
Dhivehi Edition
ބާސެލޯނާ އަށް ބަދަލުވި ބޮސްނިއާގެ މިރަލެމް ޕިޔަނިޗް (ކ) އާއި ޔުވެންޓަސް އަށް ބަދަލުވި ބްރެޒިލްގެ އާތޫރް މެލޯ (ވ). ---

ބާސެލޯނާ އިން ބްރެޒިލްގެ މިޑްފީލްޑަރު އާތޫރް މެލޯ ޔުވެންޓަސް އަށް ވިއްކާލުމަށްފަހު، އެ ޓީމުގެ ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ގެންނަން އެއްބަސްވެއްޖެއެވެ.

ބާސެލޯނާއާ ޔުވެންޓަސް އިން އާތޫރް އާއި ޕިޔަނިޗް ބަދަލުކުރުމަށް މަޝްވަރާކުރަމުން އަންނަތާ ދުވަސްތަކަކަށްފަހު ސޮއިކުރިކަން ކަށަވަރުކޮށްދީފައިވަނީ ރޭގެ ވަގުތެއްގައެވެ. އެހެންނަމަވެސް، މި ދެ ކުޅުންތެރިން ވެސް ރަސްމީކޮށް އެ ޓީމުތަކާ ގުޅޭނީ މި ސީޒަން ނިމުމުންނެވެ.

އުމުރުން 23 އަހަރުގެ އާތޫރް ވިއްކާލަން ބާސެލޯނާ އިން އެއްބަސްވީ 72 މިލިއަން ޔޫރޯ (66 މިލިއަން ޕައުންޑް) އަށެވެ. އަދި ބޯނަހުގެ ގޮތުގައި އިތުރު 10 މިލިއަން ޔޫރޯ (9.1 މިލިއަން ޕައުންޑް) ދައްކަން ޔުވެންޓަސް އިން އެއްބަސްވިއިރު، އާތޫރް އާއެކު އެ ޓީމުން ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ބާސެލޯނާ އިން ބްރެޒިލްގެ ގްރެމިއޯ އިން 2018 ވަނަ އަހަރު 31 މިލިއަން ޔޫރޯ އަށް ގެނައި އާތޫރް ވަނީ މިހާތަނަށް އައިއިރު އެ ޓީމަށް 72 މެޗު ކުޅެދީ ހަތަރު ގޯލް ޖަހައިދީފައެވެ. އަދި އޭނާ ވަނީ ބާސެލޯނާ އާއެކު ހޭދަކުރީ ދެ އަހަރުގެ ތެރޭގައި ސްޕެނިޝް ލީގާއި، ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރު ހޯދާފައެވެ. އާތޫރް ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް ވެސް މިހާތަނަށް 20 މެޗު ކުޅެދީފައެވެ.

މީގެއިތުރުން، ޔުވެންޓަސް އިން ޕިޔަނިޗް ބާސެލޯނާ އަށް ވިއްކާލަން އެއްބަސްވީ 60 މިލިއަން ޔޫރޯ (54.9 މިލިއަން ޕައުންޑް) އަށެވެ. އަދި ބޯނަހުގެ ގޮތުގައި އިތުރު 5 މިލިއަން ޔޫރޯ (4.6 މިލިއަން ޕައުންޑް) ދޭން ބާސެލޯނާ އިން އެއްބަސްވެފައިވާއިރު، ޕިޔަނިޗް ބަދަލުވާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާރު އުމުރުން 30 އަހަރުގެ ޕިޔަނިޗް، ޔުވެންޓަސްއާ ގުޅުނީ 2016 ވަނަ އަހަރު އިޓަލީގެ އޭއެސް ރޯމާ އިން 32 މިލިއަން ޔޫރޯ އަށެވެ. އޭގެކުރީން، އޭނާ ވަނީ ފްރާންސްގެ މެޓްޒް އަށާއި އޮލިމްޕިކް ލިޔޯނަށް ކުޅެފައެވެ. މިޑްފީލްޑްގެ ކޮންމެ މަގާމަކަށްވެސް ކުޅުމުގެ ގާބިލްކަން ހުރި ޕިޔަނިޗް ވަނީ ޔުވެންޓަސް އަށް މިހާތަނަށް ކުޅެދިން 171 މެޗުގައި 22 ލަނޑުޖަހައިދީ، އިތުރު 36 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. އަދި އޭނާ ވަނީ އެ ޓީމާއެކު މިދިޔަ ތިން އަހަރުގެ އިޓާލިއަން ސެރިއޭ އާއި އިޓާލިއަން ކަޕް ދެ ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.