English Edition
Dhivehi Edition
ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ހަމައެކަނި ލަނޑުޖަހައިދިން ކަސެމީރޯ (މ) އަތުން ބޯޅަ ހޯދަން އެސްޕަންޔޯލްގެ ކުޅުންތެރިން މަސައްކަތްކުރަނީ. --ފޮޓޯ: ލަލީގާ

ސްޕެނިޝް ލަލީގާ ގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި އެސްޕަންޔޯލް ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލްގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. މި މެޗު ރެއާލުން ކާމިޔާބުކުރީ 1-0 އިންނެވެ.

ރެއާލުން ލީގުގެ އެއްވަނައިގައި އޮތީ 32 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ. ތިންވަނައިގައި އުޅޭ އެތުލެޓިކޯ މެޑްރިޑަށް 58 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތީ 54 ޕޮއިންޓާއެކު ސެވިއްޔާ އެވެ.

ރޭގެ މެޗަށް ނިކުތްއިރު ރެއާލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ލީގުގައި އެންމެ ފަހުން މަޔޯކާ އަތުން 4-0 އިން މޮޅުވި މެޗުގައި ދެއްކި ރީނދޫ ކާޑާ ގުޅިގެން އެ ޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލުކާ މޮޑްރިޗް އާއި ފްރާންސްގެ ފުލްބެކް ފޭލަން މެންޑީ އަށް ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ނުކުޅެވުމެވެ. އެކަމަކު، ކުރީ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އެނބުރި ޓީމާ ގުޅުމަކީ ލިބުނު ހިތްހަމަޖެހުމެކެވެ.

އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން އެންމެ ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވީ ވެސް ކަސެމީރޯ އެވެ. މެޗު ފެށިގެން 8 ވަނަ މިނެޓުގައި ގޯލާއި ގާތްގަނޑަކަށް 40 ޔާޑު ދުރުން ކަސެމީރޯ ފޮނުވާލި ބޯޅަ އެސްޕަންޔޯލްގެ ގޯލްކީޕަރު ޑިއޭގޯ ލޮޕޭޒް މަތަކުރިއިރު، އޭގެ ދެ މިނެޓުފަހުން ހިލޭޖެހުމަކުން ކަސެމީރޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އަދި މެޗުގެ 44 ވަނަ މިނެޓުގައި ކުޑައޭރިޔާތެރެއިން ހުހަށްހުރެ ކަސެމީރޯ ފޮނުވާލި ބޯޅަ ވެސް ލޮޕޭޒް މަތަކުރިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެސްްޕަންޔޯލަށް ލިބުނު އެންމެ ރަނގަޅު ދެ ފުރުޞަތުގައި ބެނާޑޯ އެސްޕިނޯޒާ ފޮނުވާލި ދެ ހަމަލާ ވެސް ރެއާލްގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއެވެ. ރެއާލުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކަސެމީރޯ އެވެ. މިއީ އެ ޓީމުގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ ދިން ބޯޅައަކުން ކަސެމީރޯ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފު ފެށިގެން ހަ ވަރަކަށް މިނެޓުގެ ތެރޭގައި ރެއާލްގެ ލީޑް ފުޅާކުރުމަށް ބެންޒެމާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އެސްޕަންޔޯލްގެ ކީޕަރު ލޮޕޭޒް މަތަކުރިއިރު، އެސްޕަންޔޯލް އަށް ނަތީޖާ ހަމަހަމަކުރުމަށް ވޫ ލެއި އާއި ރައުލް ޑެ ތޯމަސް އަދި ޑޭވިޑް ލޮޕޭޒް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ރެއާލްގެ ކީޕަރު ކޯޓުއާ އެވެ.

ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ޕާކޯ އަލްކަސާ އާއި ޖެރާޑް މޮރޭނޯ ކާމިޔާބުކުރި ގޯލްތަކާއެކު ވިޔާރެއާލް ވަނީ 2-0 އިން ވެލެންސިއާ ބަލިކޮށް 51 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނަ އަށް ޖެހިލާފައެވެ. ގްރަނަޑާ އަތުން 2-1 އިން އެއިބާ މޮޅުވިއިރު، ލެވަންޓާ ވަނީ 4-2 އިން ރެއާލް ބެޓިސް ބަލިކޮށްފައެވެ.