މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުޤައްރިރު، ޖީހާން މަހުމޫދަށް، ކުރީގެ ޖެންޑަރ މިނިސްޓަރ، ޝިދާތާ ޝަރީފް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ސަފާރީގައި ބިދޭސީ އަންހެން މީހާ ރޭޕްކުރި ދެ ފިރިހެނުން ހައްޔަރުކުރުމަށްފަހު، ލިބުނު މަޢުލޫމާތަށް ބަލައި ބަންދުގައި ބައިތިއްބައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ނުފެންނަ ކަމަށް ބުނެ ފުލުހުން ވަނީ އެމީހުން ދޫކޮށްލައިފަ އެވެ. އެކަމާއި ގުޅިގެން އާންމުންގެ ނުރުހުންތެރިކަން ކަމާބެހޭ އިދާރާތަކަށް އަމާޒުވެފައިވާއިރު، އެކަމާއި ގުޅޭ ތަފާތު އެކިއެކި ވާހަކަތައްވެސް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.
މި މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި ޝިދާތާ މިއަދު ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެކަމަނާގެ ވަޒީރުކަމުގައި ކުޑަކުދިންނާއި އަންހެނުންނާއި އިންސާނީ ކަރާމާތާއި ގުޅުން ހުރި މައްސަލަތަކުގައި ވަޒީރު ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުޤައްރިރު “ދެފައި އެއްތާ ނުޖަހާ” ކަމަށެވެ.
“ފަހެއް ފެބުރުވަރީގައި އޮތް ރައްޔިތުންގެ މަޖިލިސް ޖަލްސާގައި މިފަދަ މައްސަލަތަކުގައި މެންބަރުންގެ އުދާސްތަކާއި ރުޅިވެރިކަން ހިފެހެއްޓުމެއް ނެތި ބަންޑުންކޮށްލިތަން ފެނިގެން ދިޔަ”، ޝިދާތާ ވިދާޅުވެފައި ވެއެވެ.
މިދިޔަ ފެބުރުވަރީ މަހުގެ ހަތްވަނަ ދުވަހު ޖެންޑަރ މިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާދެއްވާފައި ވަނީ ކުޑަކުދިންނަށް ގޯނާ ކުރުމުގެ ގިނަ މައްސަލަތަކުގައި ޖެންޑަރ މިނިސްޓްރީގެ އިހުމާލުވާ ކަމަށް ބުނެ، އެ މަޤާމުގައި ޝިދާތާ ހުންނަވަން ފެނިވަޑައި ނުގަންނަވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެކަމަނާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށެވެ.
“އޭރު ކަންބޮޑުވުން ފާޅުކުރި މައްސަލައިގައި ހިމެނޭ ޑިސެބިލިޓީ އެންބެސެޑަރުވެސް ދޫވެއްޖެ. އެފަދަ އެތައް މަސައްލައެއް މައްސަލައަކަށް ނުވެ ހިނގައްޖެ. މިހާރު އަޑު އިވެނީ ރޭޕްގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ނުފޫޒުގެ ސަބަބުން ޤާނޫނު އަރާ ހަމަ ނުކުރެވިގެން އުޅޭ ވާހަކަ. ޖިންސީ އަނިޔާ ކުރާ މީހުން ކުރާ އަމަލު ކުށަކަށް ނުވެގެން ދޫވެގެންދާ ވާހަކަ”، ޝިދާތާ ވިދާޅުވި އެވެ.
މީގެ އިތުރުން ޝިދާތާ ވިދާޅުވީ އޭރު އެކަމަނާގެ އޮފީސް ދޮށުގައި މުޒާހަރާ ކުރި މީހުން މިއަދު ފެންނަން ނެތް ކަމަށާއި، މީޑިއާތަކުގައި މި ވާހަކަތައް ކެކެނީ ވަރަށް ހޫނު މަޑުކޮށް ކަމަށެވެ.
“އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ މީހުން ޝިދާތާގެ އިސްތިއުފާ އާއެކު ނިދިއްޖެ. ހެޔޮ ނިޔަތުގައި އެދުވަހުވެސް ތެދުވެ ތިބިނަމަ މިއަދުވެސް އެމަންޒަރު އެގޮތަށް ފެނުނީސް”، ޝިދާތާ ވިދާޅުވި އެވެ.
ޝިދާތާ އިތުރަށް ވިދާޅުވީ މުޖުތަމައުގެ މިފަދަ މައްސަލަތަކަކީ ވަކި މީހަކު ފުނޑާލަން ނުވަތަ ސިޔާސީ ގޮތުން ހަމަލާދޭ ހަތިޔާރަކަށް ހަދައިގެން އުޅޭހާ ހިނދަކު ޙަޤީޤީ ހެޔޮ ބަދަލެއް ނާންނާނެ ކަމަށާއި، މިއަދުވެސް މި ފެންނަނީ އޮޑީގެ މިސްރާބު ގޯހުން ގޯހަށްދާ ތަން ކަމަށެވެ.