ދުނިޔެގެ ބިމުގެ ބޮޑުމިނުގެ ގާތްގަޑަކަށް 71 ޕަސެންޓަކީ ކަނޑެވެ. ކަނޑުގައި އެކުލެވިގެންވާ ފެނުގެ ގަތްގަޑަކަށް35 ޕަސެންޓަކީ ލޮނެވެ. ޢިލްމީގޮތުން މިއަދު ހޯދިފައިވާ ހަޤީޤަތަކީ ކަނޑުގެ މަތީފަށަލައިގައި އުފެދޭ ފަދައިން އެތައްގުނައެއް ބިޔަބޮޑެތި ރާޅުތައް ކަނޑުގެ އަޑީގައި އުފެދޭކަމެވެ. އަދި މިރާޅުތައް ކަނޑުގެ އެންމެ އަނދިރި ހިސާބާ އެންމެ މައްޗާ ދެމެދު ވަނީ ގުޅިލާމެހިފައި ކަމެވެ.
މިއަދުގެ ސައިންސް އިން ހޯދާފައިވާ މި ހަޤީޤަތަކީ މީގެ 14 ޤަރުނުކުރިން މާތްﷲ ކީރިތި ޤުރުއާންގައި ބަޔާންކުރައްވާ، ހާމަކުރައްވާފައިވާ ކައުނުގެ ހަޤީޤަތެކެވެ. ކީރިތި ޤުރުއާންގައި ކަނޑާއި ކަނޑުގެ މިފަދަ އެތައް ހަޤީޤަތްތަކެއް ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވާފައިވެއެވެ. ކަނޑުގައި، މަތިމައްޗަށް ރާޅުހުންނާނެކަން ބަޔާންކުރައްވައި سورة النور 40 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. أَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ۚ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا ۗ وَمَن لَّمْ يَجْعَلِ اللَّـهُ لَهُ نُورًا فَمَا لَهُ مِن نُّورٍ މާނައީ “ނުވަތަ ފުން ކަނޑެއްގައިވާ އަނދިރިތަކެއްފަދައެވެ. އެ ކަނޑުގައި ފެތުރިފައިވަނީ، މަތިމައްޗަށް ހުންނަ ރާޅުތަކެވެ. އޭގެމަތިން ވިލާތައްވެއެވެ. މަތިމައްޗަށްހުރި އަނދިރިތަކެކެވެ. އެމީހާގެ އަތް ނެރުނަސް، އެ ފެންނާންވެސް ގާތްނުވެއެވެ. ފަހެ، އެމީހަކަށް اللَّه އަލިކަމެއްލައްވާފައި ނުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް އެއްވެސް އަލިކަމެއް ނުވެއެވެ.”
މި ޒަމާނުގެ އިލްމީ ދިރާސާތަކުން ރާޅު އުފެދެމުންދާ ގޮތާއި ރާޅާއެކު އުފެދެމުންދާ އޮއިވަރާއި ގުޅޭގޮތުން ހޯދުންތައްވަނީ ހޯދާފައެވެ. އެގޮތުން ކަނޑުފެނުގެ ”ޕާޓިކަލްސް“ ތަކަށް ހަކަތަލިބުމުން އަންނަ ލޮޅުމެއްގެ ސަބަބުން ކަނޑުގައި ރާޅު އުފެދޭ ކަމަށް މިދިރާސާތަކުން އެނގެން އެބައޮތެވެ. ކަނޑުގެ ޠަބީއަތާ ބެހޭ ގޮތުން އިތުރަށް އެންގެން އޮންނަނީ ލޮނުގަނޑު ކުރިއަށް ހަރަކާތްތެރިވަމުން ދާދިއުމާއެކު ރާޅު އުފެދުމާއި، އުފެދޭ ރާޅުގެ ކުޑަބޮޑުމިން ބިނާވެފައި އޮންނަނީ ކަނޑުފެނުގެ ”ޕާޓިކަލްސް“ ތަކަށް ހަކަތަލިބުމުން އަންނަ ލޮޅުމުގެ ބާރުމިނަށްކަމެވެ.
ރާޅުތަކަކީ ކަނޑުގެ އެންމެ މަތީ ފަށަލައިގައި އުފެދިފައިވާ ފަދައިން ކަނޑުގެ އެންމެ އަޑިއާ ޖެހެންދެންވެސް އުފެދިފައިވާ އެއްޗެކެވެ. ރާޅު އުފެދެނީ ހަމައެކަނި ކަނޑުގެ މަތީގައި ނޫން ކަމަށް “މިރަކަލް އޮފް ޤުރުއާން” މިފޮތުގައި ސުޙައިބް ސިރާޖުއްދީން ލިޔުއްވާފައިވެއެވެ. މިއަދުގެ ހޯދުންތަކުން ހޯދާފައިވާ ހަޤީޤަތަކީ އަޅުގަނޑުމެންގެ ލޮލަށް ފެންނަފަދަ ބިޔަބޮޑެތި ރާޅުތައް ކަނޑުގެ އަޑީގައިވެސް އުފެދޭ ކަމެވެ.
سورة النور 40 ވަނަ އާޔަތުގައި މީގެ 14 ސަތޭކަ އަހަރުކުރިން މާތްﷲ އަންގަވާފައިވާ ޢިލްމީ ހަޤީޤަތުން ހާމަވަނީ ޤުރުއާނަކީ މުޢުޖިޒާތެއްކަމެވެ. އެއީ ޙިކުމަތްވަންތަ ޢާލަމުތަކުގެވެރި އިލާޙުގެ ބަސްފުޅުކަމެވެ. ކީރިތި ޤުރުއާނަކީ މާތްﷲ ބާއްވައިލައްވާފައިވާ މަތިވެރި ފޮތްކަމާއި އެފޮތުގައި ބަޔާންކޮށްދީފައިވާ ކޮންމެ ކަމަކީވެސް އޭގައި ޢިލްމީ އެތައް ހަޤީޤަތްތަކެއް އެކުލެވިގެންވާ ވާހަކަތެއްކަމީ އަހުރެމެން ޤަބޫލުކުރަންޖެހޭ ހަޤީޤަތެވެ.