English Edition
Dhivehi Edition

ސިއްހީ ހާލަތު ގޯސްވެ، އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ 11:00އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން ޗިޓު ފޮނުވައިފި އެވެ. ކޯޓްގައި ހުންނަވަނިކޮށް ހާލު ދެރަވެ ހޮސްޕިޓަލްގައި ގާސިމް އެޑްމިޓްކޮށްފައިވާ އިރު ގާސިމް ގެ ޝަރީއަތުގެ އަޑުއެހުމެއް މިރެއަށް ވަނީ ތާވަލުކޮށްފައެވެ.

މިރޭ ގާސިމަށް ފޮނުވާފައިވާ ޗިޓްގައިވާ ގޮތުން މިރޭ ބާއްވާ އަޑުއެހުމަކީ ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ މައްސަލާގައި ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމާލަން ބާއްވާ އަޑުއެހުމެކެވެ.

ގާސިމް މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގައި އިއްޔެ އާއި މިއަދު ހެނދުނު އަޑުއެހުމެއް ބޭއްވުމަށްފަހު މިއަދު މެންދުރުފަހަށް ވަނީ ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމާލުމަށް އެންމެ ފަހުގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފަ އެވެ. ނަމަވެސް އެ އަޑުއެހުމަށް ކޯޓަށް ވަޑައިގެން އިންނަވަނިކޮށް އެނބުރުން އަރައިގެން ގާސިމް ވަނީ ވެއްޓިފަ އެވެ.

ގާސިމްގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުންނެވެ. ދައުވާ ސާބިތުވެއްޖެނަމަ ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ ބޭރަށް ވަޑައިގެން ބޭސް ފަރުވާ ހޯދުމަށް ވަނީ ހުރަސްއެޅިފަ އެވެ.