English Edition
Dhivehi Edition
ބޮކާ ޖޫނިއާސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކުރީގެ ފޯވާޑް ކާލޯސް ޓެވޭޒް. --ފޮޓޯ: އޭޕީ

މިހާރު އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް ކުޅެމުން އަންނަ އެ ގައުމުގެ ކުރީގެ ފޯވާޑް ކާލޯސް ޓެވޭޒް ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ގޮތުން ކުޅޭ ވަދާއީ މެޗުގައި ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ބައިވެރިކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

އުމުރުން 36 އަހަރުގެ ޓެވޭޒް، ބޮކާ ޖޫނިއާސް އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ބާކީ ހަ މަސް ދުވަސް އޮތްއިރު، ކުޅުން ހުއްޓާލުމަށް ނިންމާފައިވާކަން ޔަގީންކޮށްދިނުމަށްފަހު އޭނާ ބުނީ ކުޅުން ހުއްޓާލުމުގެ ކުރީން އެނބުރި ޔޫރަޕަށްދާން ޝައުގުވެރިވާކަމަށް ވެސް ބުނެފައެވެ.

“އަހަރެންގެ ވަދާއީ މެޗުގައި ބައިވެރިވުމަށް ދައުވަތު ދޭން ބޭނުންވާ ކުޅުންތެރިންނަކީ، ބުފޮން، ހޫގޯ އިބާރާ، ރިއޯ ފާޑިނަންޑް، ގެބްރިއެލް ހެއިންޒޭ، ޕެޓްރިސް އެވްރާ، އަންދްރެއާ ޕިރްލޯ، ޕޯލް ސްކޯލްސް، ޕައުލް ޕޮގްބާ، ރޮނާލްޑޯ އާއި މެސީގެ އިތުރުން ވޭން ރޫނީ.” އާޖެންޓީނާގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ޓެވޭޒް ބުންޏެވެ.

ޔޫރަޕްގެ ބޮޑެތި ކްލަބުތައް ކަމަށްވާ އިޓަލީގެ ޔުވެންޓަސް އާއި އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ އަށް ނިސްބަތްވާ ޔުނައިޓެޑަށާއި ސިޓީ އަށް ކުޅެފައިވާ ނަމަވެސް ޓެވޭޒްގެ ހިތުން ހާއްސަ ޖާގައެއް ލިބިފައިވާ ކްލަބަކީ ވެސްޓް ހޭމް ޔުނައިޓެޑް ކަމަށް ވެސް އޭނާ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ވޭން ރޫނީ (ކ) އަތުން ބޯޅަ ހޯދާން ވެސްޓް ހޭމް ޔުނައިޓެޑްގެ ކާލޯސް ޓެވޭޒް (ވ) މަސައްކަތްކުރަނީ. –ފޮޓޯ: ރޮއިޓާސް

“އާޖެންޓީނާގައި އެންމެ މަގުބޫލް ކްލަބަކީ، ބޮކާ. އެކަމަކު، އެނބުރި ޔޫރަޕަށްދާ ނަމަ ބޭނުމީ ވެސްޓްހޭމަށް ދާން. އެއީ ޔޫރަޕުން އަހަރެންގެ ހިތުގައި ހާއްސަ ލޯތްބެއް ދެވިފައިވާ ކްލަބެއް.” ޓެވޭޒް ބުންޏެވެ.

ބޮކާ ޖޫނިއާސް އިން 2002 ވަނަ އަހަރު ޕްރޮފެޝަނަލް ކެރިއަރު ފެށި ޓެވޭޒްގެ ދިގު ކެރިއަރުގައި މިހާތަނަށް 500 އަށްވުރެ ގިނަ މެޗުގައި 200 އަށްވުރެ ގިނަ ލަނޑުޖަހާފައިވެއެވެ. ޓެވޭޒް ވަނީ 2007 ވަނަ އަހަރު ވެސްޓް ހޭމް ރެލިގޭޝަނުން ސަލާމަތްކޮށްދީފައެވެ. އޭގެފަހުން، އޭނާ ވަނީ ލޯން އުސޫލުން ޔުނައިޓެޑަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ޔުނައިޓެޑާއެކު ހޯދީ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ދެ ފަހަރެއްގެ މަތީން ލީގު ކާމިޔާބުކުރިއިރު، ޔުއެފާ ޗެމްޕިއަންސް ލީގާއި، ފީފާ ކްލަބް ވޯލްޑްކަޕް އެއް ފަހަރު ހޯދާފައިވެއެވެ. މީގެއިތުރުން، ޔުވެންޓަސް އާއެކު ދެ ފަހަރު ވަނީ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް ކުޅެފައިވާ އިތުރު ކްލަބުތަކުގެ ތެރޭގައި ބްރެޒިލްގެ ކޮރިންތިއަންސް އާއި ޗައިނާގެ ޝަންހާއީ ޝެންހުއާ ހިމެނެއެވެ.

ފޯވާޑްލައިންގެ ކޮންމެ މަގާމަކަށް ވެސް ކުޅުމުގެ ގާބިލްކަން ހުރި ޓެވޭޒް ވަނީ އާޖެންޓީނާގެ ގައުމީ ޓީމާއެކު 2006 އާއި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ކުޅެފައެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 76 މެޗުގައި 13 ލަނޑުޖަހާފައެވެ.