އައްޑޫ ސިޓީގައި ކުޑަކުއްޖަކާމެދު ބަދު އަޚުލާޤީ އަމަލު ހިންގި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާ ހޯދަން، އޭނާގެ ވަނަވަރު މޯލްޑިވްސް ޕޮލިސް ސަރވިސް އިން އާންމުކޮށްފި އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ޕޮލިހުން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށެވެ. އަދި އޭނާ އަކީ ސްޕޮންސަރ އަށްވެސް ފިލައިގެން އުޅޭ މީހަކަށް ވާތީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ފުލުހުން ޢަމަލުކުރާ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަޙުޤީޤަށް ހާޒިރުވުމަށް އޭނާ އަށް އަންގައި ވަނީ އިއުލާނު ކޮށްފަވެ.
އެ މައްސަލައިގެ ތަޙުޤީޤަށް ހާޒިރުކުރުމަށް ހޯދަމުންދަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 33 އަހަރުގެ އެމްޑީ އިދްރީސް އެވެ. އޭނާގެ ޕާސްޕޯޓް ނަންބަރަކީ C1497280 އެވެ. އޭނާ ހާޒިރުކުރަނީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކާމެދު ބަދުއަޚުލާޤީ އަމަލު ހިންގާފައިވަކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.
އަދި އޭނާ ހާޒިރުވާން ޖެހެނީ ޖުލައި 02 ވަނަ ދުވަހުގެ 14:00 އަށް ސ. ހިތަދޫ ޕޮލިސް ސްޓޭޝަނަށެވެ.