English Edition
Dhivehi Edition
ރައީސް ޞާލިޙް، 24 ޖޫން 2020 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގައި ޢަމަލުކުރެއްވުމަށް ނިންމަވައިފައިވާ ގޮތްތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ފަތުރުވެރިކަން އަންނަ މަހުގެ ޖުލައި 15 ވަނަ ދުވަހު ހުޅުވާލުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުންނާއި، އާންމު ދިރިއުޅުން ބަހައްޓަންވީގޮތްތަކާ ގުޅޭގޮތުން މެންބަރުން ވާހަކަފުޅުދައްކަވައި، ކުރިއަށްއަޅުއްވަން ނިންމަވާފައިވާ ކަންތައްތަކާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ފުރަބަންދުކޮށްފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށްރަށުގައިވެސް އެއް ރަށުން އަނެއް ރަށަށް އެރުން އަރައި ފޭބުން މަނާކުރި އެވެ. އެހެންނަމަވެސް ޖޫން 15 ވަނަ ދުވަހުން ފެށިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައި އެޅި ޚާއްސަ ފިޔަވަޅުތައް ބާތިލްކޮށް، އެ ދުވަހުން ފެށިގެން މާލޭގެ ފުރަބަންދަށްވެސް ލުއިތަކެއް ދިނުމަށް ނިންމައިފަ އެވެ.

މީގެ އިތުރުން ޖުލައި 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލައި ބައިނަލްއަގުވާމީ ދަތުރުތަކަށް ރާއްޖެ ހުޅުވާލުމަށްވެސް ވަނީ ނިންމައިފަ އެވެ.