English Edition
Dhivehi Edition
24 ޖޫން 2020 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާ - ފޮޓޯ: ރައީސް އޮފީސް

އިންސާނީ ޙައްޤުތަކާ ބެހޭ މުހިންމު ދެ މުޢާހަދާއެއް ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

އެގޮތުން ރައީސް އޮފީހުން ބުނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު ރާއްޖެއިން ތަޞްދީޤުކުރުމަށް ނިންމެވި ދެ މުޢާހަދާއަކީ، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް ޤާއިމުކުރެވިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ “އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯޕީއައިސީއީއެސްސީއާރު)” އާއި “އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީއީޑީ)” އާ ބެހޭ މުޢާހަދާ ކަމަށެވެ.

ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހެޅުއްވި 2 ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

އޯޕީއައިސީއީއެސްސީއާރު މުޢާހަދާ އަކީ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އައިސީއީއެސްސީއާރު) ގެ ދަށުން ކަށަވަރުކޮށްދޭ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތަކާ ގުޅޭގޮތުން އައިސީއީއެސްސީއާރުގެ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަކި ވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ލިއްބައިދޭ މުޢާޙަދާއެކެވެ. އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު އެއް އަސާސްކަމުގައިވަތީ، އެންމެ ފުރިހަމަ މާނައިގައި އައިސީއީއެސްސީއާރު އަށް ޢަމަލުކުރުމަށްޓަކައި އެ މުޢާޙަދާ ތަޞްދީޤުކުރުމަކީ މުހިންމު ކަމެއް ކަމުގައިވެސް މެންބަރުން ފާހަގަކުރައްވާފައިވެއެވެ.

އަދި ސީޑީއީ މުޢާހަދާ ތަޞްދީޤުކުރުމުން، ދިވެހިރާއްޖެއިން އިންސާނީ ޙައްޤުތައް ރައްކަތެރިކުރުމަށް ދޭ އަޙައްމިއްޔަތުކަން އިތުރަށް ހާމަވެ، ރާއްޖޭގެ އިޙްތިޞާޞްގައި ހިމެނޭ ފަރާތްތަކުގެ ކަމާބެހޭ ޙައްޤުތައް ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

އޯޕީއައިސީއީއެސްސީއާރު މުޢާޙަދާ ފާސްކޮށްފައިވަނީ، އ.ދ. ގެ ޢާންމު މަޖިލީހުން 10 ޑިސެމްބަރު 2008 ގައެވެ. އަދި އެ މުޢާޙަދާ ސޮއިކުރުމަށް ޤައުމުތަކަށް ހުޅުވާލާފައިވަނީ، 24 ސެޕްޓެމްބަރު 2009 ގައެވެ. ރާއްޖެއިން 21 ސެޕްޓެމްބަރު 2011 ގައި އެ މުޢާޙަދާގައި ސޮއިކޮށްފައި ވީނަމަވެސް ރާއްޖެއިން އަދި މުޢާޙަދާ ތަޞްދީޤުކޮށްފައި ނުވެއެވެ. މިއަދާ ހަމައަށް އެ މުޢާޙަދާ ތަޞްދީޤުކޮށްފައިވަނީ އެ މުޢާޙަދާގައި ސޮއިކޮށްފައިވާ 45 ޤައުމުގެ ތެރެއިން 24 ޤައުމަކުންނެވެ.

ސީއީޑީ މުޢާހަދާ އެޑޮޕްޓްކޮށްފައިވަނީ 20 ޑިސެންބަރު 2006 ގައި އެމެރިކާގެ ނިއު ޔޯކުގައެވެ. އެ މުޢާހަދާއަށް ޢާންމުކޮށް ޢަމަލުކުރަން ފަށާފައިވަނީ 23 ޑިސެންބަރު 2010 ގައި ކަމަށްވާއިރު، ރާއްޖެއިން މި މުޢާހަދާގައި ސޮއިކޮށްފައިވަނީ، 6 ފެބުރުވަރީ 2007 ގައެވެ. އެ މުޢާހަދާގައި މިހާތަނަށް 98 ޤައުމަކުން ސޮއިކޮށްފައިވާއިރު، މުޢާހަދާ ތަޞްދީޢުކޮށްފައިވަނީ 62 ޤައުމަކުންނެވެ.

ސީއީޑީ މުޢާހަދާ ރާއްޖެއިން ތަޞްދީޤުކޮށް އެ މުޢާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ޤައުމުގެ ޤާނޫނީ އޮނިގަނޑުގައި ހިމެނުމާއެކު، ޝަރުޢީ ނިޒާމުގެ ތެރެއިން ބޮޑެތި ކުށްކުރާ ފަރާތްތަކަށް ޙައްޤު ޢަދަބު ކަނޑައެޅިގެން ދިއުމުން، އިންސާފު ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެ ކަރުދާސް ހުށަހަޅުއްވަމުން ވިދާޅުވިއެވެ. އަދި މިފަދަ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ފުރިހަމަކަމާއެކު ތަންފީޛުކުރުމަށް ބާރުލިބޭނެ ކަމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރެއްވުމަށްފަހު، ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ޙައްޤުތައް އެފަރާތްތަކަށް ހޯދައި ދިނުމާއި، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީސްމީހުންގެ މައްސަލަތަކުގެ ޙަޤީޤަތް ހޯދައި، ރައްޔިތުންނަށް ހާމަކޮށްދެއްވުމަކީ އެ މަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.