ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއާމަނަކަށް ހުންނަވައިގެން, ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރިއާއި ގުޅިގެން، އެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ކުންފުންޏަކާ ހަވާލުކޮށްގެން އެކުލަވާލެވުނު ރިޕޯޓު، ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފޮރުވިކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މަޖިލީހަށް ހުށަހެޅުއްވި އެ މައްސަލައިގައި ވިދާޅުވީ އެސްޓީއޯ ޕަބްލިކް ލިމިޓެޑްގެ 100 ޕަސެންޓު މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997 ގައި ސިންގަޕޫރުގައި ރަޖިސްޓްރީކުރި، އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑުން ރާއްޖޭން ބޭރުގައި ހިންގި ވަގު ވިޔަފާރިއާއި މަނީ ލޯންޑްރިންގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދުމަށް 8 ޖޫން 2010 ގައި ބޭރުގެ އެކައުުންޓިން ކުންފުންޏަކާ ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ މައްސަލަ އާއި ގުޅޭ ރިޕޯޓެއް ތައްޔާރުކޮށް ބައިނަލްއަގުވާމީ ޝަރުއީ ނިޒާމުގެ ތެރެއިން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، 2012 ވަނަ އަހަރު ވެރިކަން ބަދަލުވެ، ޑރ. ވަހީދު ވެރިކަމަށް ވަޑައިގެން އެ މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ.
އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިޔަ ނުދިނުމުގެ ގޮތުން، ދިވެހި ދައުލަތުގެ ފައިސާއިން ވަރަށް ބޮޑު ހޭދައެއް ކޮށް، ރިޕޯޓު ތައްޔާރުކުރި އެކައުންޓިން ކުންފުނިން އެ ރިޕޯޓު ބައްލަވައިގަނެ އެ ރިޕޯޓު ޑރ. ވަހީދު ފޮރުވާފައިވާކަމަށް ފަލާހް ވަނީ ތުހުމަތުކުރައްވާފައެވެ. އަދި މިކަން ހިނގާދިޔަ ގޮތް އޭރުގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ފަޒީލް ނަޖީބަށާއި އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށްވެސް އެނގިވަޑައިގަންނަވާނެކަމަށް ފަލާހް ވިދާޅުވިއެވެ.
ވަކި މީހެއްގެ އަތުގައި އެ ރިޕޯޓު ފޮރުވާފައި އޮތުމަކީ “ވައްކަމުގެ” އަމަލެއްގެ ގޮތުގައި ސިފަކުރައްވަމުން ފަލާހް ވިދާޅުވީ އެ ރިޕޯޓު ބައްލަވައިގަތީ ދައުލަތުގެ ފައިސާ އިން ކަމަށްވާތީ، ރިޕޯޓު އޮންނަން ވާނީ ދައުލަތުގެ ބެލުމުގެ ދަށުގައިކަމަށާއި މިކަމާ ގުޅޭ ލިޔެކިޔުންތައް ރައީސް އޮފީހުގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުގައިވެސް ހުންނަން ޖެހޭނެކަމަށެވެ.
މިހާރުގެ ސަރުކާރުން އެ ރިޕޯޓު އޮތް ތަނަކުން ހޯއްދަވާ ރައްޔިތުންގެ މަޖިލީހަށް ރައްދު ކުރުމަށް އެދި ފަލާހް ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ވިދާޅުވީ މިނިސްޓަރީ އޮފް ފިނޭންސްގައި ވެސް އެކަމާ ގުޅޭ ލިޔެކިޔުންތައް ހުންނަން ޖެހޭނެ ކަމަށާއި، އެ މުއާމަލާތަކީ އެމްއެމްއޭގެ ތެރެއިން ހިންގާފައި ވާ މުއާމަލާތަކަށް ވީހިދު،ފިނޭންސް މިނިސްޓްރީން އެކަން ކުރަން އެންގި ލިޔެކިޔުންތަކާއި، އެމްއެމްއޭއިން ބޭރުގެ ބޭންކުތަކާއެކު މިކަމާ ގުޅޭގޮތުން ކޮށްފައިވާ މުއާމަލާތްތަކުގެ ލިޔެކިޔުންްތައް އެމްއެމްއޭގައި ހުންނަން ޖެހޭނެ ކަމަށެވެ.