English Edition
Dhivehi Edition
ދާދިފަހުން ސާބިއާ އާއި ކްރޮއޭޝިއާގައި ބޭއްވި އެޑްރިއާ ޓުއާގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ކުޅެނީ. --ފޮޓޯ: އޭޕީ

މިހާރު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި ހުރި ސާބިއާގެ ނޮވަކް ޖޮކޮވިޗް، ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

އުމުރުން 33 އަހަރުގެ ޖޮކޮވިޗް، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުވީ ދާދި ފަހުން ސާބިއާ އާއި ކްރޮއޭޝިއާގައި އޭނާ އިސްނަގައިގެން ބޭއްވި ޓެނިސް އެގްޒިބިޝަން ސީރީޒް، އެޑްރިއާ ޓުއާ ގައި ކުޅުމަށްފަހު އެނބުރި ބެލްގްރޭޑަށް އަށް އައިސް ހެދި ޓެސްޓުތަކަށްފަހުގައެވެ.

ޖޮކޮވިޗްގެ ވެބްސައިޓްގައި ނެރެފައިވާ ބަޔާނުގައިވާގޮތުން، އޭނާގެ އަންހެނުން ޔެލީނާ ޕޮޒިޓިވްވެފައިވީނަމަވެސް ދެ ދަރީން ކޮވިޑް-19 އަށް ހެދި ޓެސްޓުތައް ނެގެޓިވްވެފައިވާކަމަށެވެ. އަދި ރަނގަޅު ނިޔަތެއްގައި ބޭނުންޖެހިފައިވާ މީހުންނަށް އެހީވުމަށްތަކައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު ރަނގަޅުވަމުން އައި ދުވަސްވަރެއްގައި މި އިވެންޓް ބޭއްވިނަމަވެސް، ބަލީގެ ނުރައްކާ އަދިވެސް އޮންނާނެކަމަށް ހީނުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ޖޮކޮވިޗް އިތުރަށް ބުނިގޮތުގައި، މިހާތަނަށް އައިއިރު އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށާއި، ކުރިއަށް އޮތް 14 ދުވަހަށް ގޭގައި ސެލްފް އައިސޮލޭޝަނަށްދާން ނިންމާފައިވާކަމަށެވެ. އަދި އޭގެ ފަސް ދުވަހުން ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މި ޓުއާ ބޭއްވުމުގެ ސަބަބުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ ކިބައިން މައާފަށް ވެސް އެދިފައިވެއެވެ.

ގްރޭންޑް ސްލޭމް ޗެމްޕިއަންކަން 17 ފަހަރު ހޯދާފައިވާ ޖޮކޮވިޗްގެ އިތުރުން އެޑްރިއާ ޓުއާގައި ބައިވެރިވި ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އާއި ކްރޮއޭޝިއާގެ ބޯރްނާ ކޮރިޗް އަދި ސާބިއާގެ ވިކްޓަ ޓްރޮއިކީ ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެކަމަކު މި ޓުއާގައި ބައިވެރިވި ޖަރުމަނުގެ އެލެގްޒެންޑާ ޒްވަރޭވް އާއި ކްރޮއޭޝިއާގެ މާރިން ސިލިޗްގެ އިތުރުން ރަޝިޔާގެ އަންދްރޭ ރުބްލޭވް ހެދި ޓެސްޓުތައް ނެގެޓިވްވެފައިވާއިރު، މި ތިން ކުޅުންތެރިން ވެސް 14 ދުވަހުގެ މުއްދަތަށް ސެލްފް އައިސޮލޭޝަން ދާން ނިންމާފައިވާ ކަމަށް ވެސް ވެއެވެ.

ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލި އޭޓީޕީ ޓެނިސް ސީޒަން އަންނަ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އެމެރިކާގެ ނިއު ޔޯކްގައި އޮގަސްޓް 31 އިން ސެޕްޓެންބަރު މަހުގެ 13 ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޔޫއެސް އޯޕަންގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ ސަޕޯޓަރުންނާ ނުލައެވެ.