ޓެރަރިޒަމްގެ އަމަލުތައް ހިންގާ ބަޔަކު ރާއްޖޭގައި އެބައުޅޭ ކަމަށާއި ބޭރުގެ މިފަދަ ޖަމާއަތްތަކާ ގުޅިފައިވާ މީހުން އެބަތިބި ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ގެންދާ ޕްރެސް ބްރީފިންގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދީނުގެ ނަމުގައި ހައްދުފަހަނައަޅައިގެން އެފަދަ އަމަލުތައް ހިންގާ މީހުން ވެސް އެބައުޅޭކަމަށެވެ.
“އެފަދަ މީހުން ހަމައެކަނި ތިބީ މަޑުއްވަރީގައި އެކަންޏެއް ނޫން. މިކަމުގައި ވަކި ރަށެއް، ވަކި އަތޮޅެއް އަޅުގަނޑުމެން ނުބަލާނަން. ދެން އޮތީ އަނެއްކޮޅުން ވެސް ހައްދުފަހަނައަޅައިފައި ތިބި މީހުންގެ ވާހަކަ. ދެ ކޮޅުން ވެސް އަޅުގަނޑުމެން މައްސަލަތައް ބަލާނަން.” ރައީސް ވިދާޅުވިއެވެ.
” ޓެރަރިޒަމްގެ އަމަލުތައް ރާއްޖޭގައި ހުއްޓުވާނަން. ޓޭޒަ ގަން ބޭނުން ކުރާނީ އުސޫލުތަކުގެ ތެރެއިން” ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންނާއި ފުލުހުންނަކީ ގައުމުގެ ސަލާމަތަށް ވަރަށް މުހިންމު ބައެއްކަމަށާއި އެ މީހުން ކުރަމުން އެ ގެންދަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތެއްކަމަށެވެ. އަދި ވަކި ބަޔަކު ކުރި ކަމެއްގެ ސަބަބަން މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ އެތަންތަން އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަކަށް ދެކި ނުލައްވަވާ ކަމަށާއި ކޮންމެ ތަނެއްގައި ވެސް އިސްލާހު ކުރަން ޖެހޭ ކަންކަން ހުންނާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
“މުޅި މުއައްސަސާގެ އަގު ވައްޓާލުމަށް ދައްކާ ވާހަކައަކީ އިސްލާހު ކުރަން ދައްކާ ވާހަކަތަކެއް ނޫން. ސިފައިންނާއި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރާނަން. އަދި ދެ މުއައްސަސާ ކުރިއެރުވުމަށް މަސައްކަތް ކުރާނަން” ރައީސް ވިދާޅުވިއެވެ.