ކުރިއަށް އޮތް ހަ މަސް ދުވަހަކީ ދަތި އުނދަގޫ ދުވަސްތަކަށް ވެގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ދުވަހަކީ ވަރަށް ބޮޑަށް ދަތިވެގެންދާނެ ހަ މަސްކަމަށާއި ވިޔަފާރިތަކާއި އެހެންް ދާއިރާތަކަށް ވެސް އެކަން ކުރިމަތިވާނެކަމަށެވެ. އެހެންކަމުން ވީހާ އަވަހަކަށް އިގްތިސާދީ މަސައްކަތްތައް ފަށައިގަންނަން އެބަ ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބަޖެޓްގައި ހިމަނައިގެން ޖަޕާނުން ހޯދަން އުޅުނު ސަމުރާއީ ބޮންޑުގެ މަސައްކަތް މިހާރު ކުރިއަށް ނުދާ ކަމަށާއި އޭގެ ބަދަލުގައި 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމުގެ މަަސައްކަތް މިހާރު ކުރެވެމުން އެބަދާ ކަމަށެވެ.
“ދުނިޔޭގެ ހުރިހާ ގައުމެއްގެ ވެސް ފައިނޭންޝަލް ރޭޓްތައް ދަށްވަމުން އެބަދޭ. އެ ގޮތުން ރާއްޖެ ވެސް އޮތީ ދަށަށް ވެއްޓިފައި. އަޅުގަނޑަށް ޔަގީންކަން އެބައޮތް މި ދަންނަވާ 300 މިލިއަން ޑޮލަރު ލިބިއްޖިއްޔާ ކުރިއަށް އޮތް ހަ މަސް ހިފަހައްޓާލެވޭނެ ކަމަށް.” ނޫސް ވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.