English Edition
Dhivehi Edition

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށާނީ ޖުލައި 15 ވަނަ ދުވަހުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއުލާނުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލައި ބައިނަލްއަގުވާމީ ދަތުރުތަކަށްހުޅުވާލެވޭނެކަމަށެވެ. އޭގެ އިތުރުން ރިސޯޓްތައް ވެސް ހުޅުވުމުގެ ހުއްދަ ދެވޭނެކަމަށާއި އަދި އޮގަސްޓްގެ ތެރޭގައި ގެސްޓް ހައުސްތައް ހުޅުވާލެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި ރަނގަޅު ނަތީޖާއެއް ހޯދި ރާއްޖޭގެ ހާލަތު ރަނގަޅުވަމުން އަންނާތީ ރާއްޖެ މިހާރު ދަނީ ދެވަނަ ފޭސްއަށް ކަމަށެވެ. އެއީ އަންނަމަހުން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވާލުމާއި، ކެފޭ ރެސްޓޯރަންޓް އަދި ސްކޫލްތައް ހުޅުވާލުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުން ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން އަންނަ މަސް، ޖުލައި 15 އިން ފެށިގެން ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހުޅުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެއާ އެކު ރިސޯޓްތައް ހުޅުވި، ޓޫރިޒަމް އަލުން ފަށައިގަނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.