English Edition
Dhivehi Edition
ރާއްޖޭގެ ރިސޯޓެއްގެ މަންޒަރެއް/ފޮޓޯ ވިޒިޓް މޯލްޑިވްސް

އަހަރުގެ ފުރަތަމަ 3 މަސް ފާއިތުވެ ނުދަނީސް ބައި މިލިއަން ފަތުރުވެރިން ހަމަވުމަކީ ރާއްޖޭގެ ފަތުރުވެރި ކަމުގެ ޞިނާޢަތަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. ފަތުރުވެރިކަމާ ގުޅޭ އެންމެ ފަހުގެ ތަފާސް ހިސާބުތައް ޙިއްސާ ކުރައްވަމުން ޑރ. މަޢުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ޓޫރިޒަމް ސިނާޢަތުގެ ހުރިހާ ފަރާތްތަކުގެ މަސައްކަތާއި ހިތްވަރު ން ލިބުނު ކާމިޔާބެއް ކަމަށެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތާ ގުޅުންހުރި ފަރާތްތަކާއި، ސްޓޭކްހޯލްޑަރުންނާއި، ޚިދުމަތްދޭ ފަރާތްތަކާއި އަދި ދިވެހި ރައްޔިތު އެންމެން ގުޅިގެން ކުރި މިންނެތް މަސައްކަތެއްގެ ފޮނި ނަތީޖާ ކަމަށާއި އެކަމަށްޓަކައި އެހުރިހާ ފަރާތްތަކަށް މިނިސްޓަރ ޝުކުރު އަދާ ކުރައްވާފައިވެއެވެ.

މިއަހަރުގެ ފުރަތަމަ 3 މަހުގެތެރޭ ރާއްޖެއިން މިވަނީ ފަތުރުވެރިން ގެނައުމަށް އަމާޒު ހިފި މިންގަނޑުގެ 27.8 އިން ސައްތަ ޙާސިލު ކޮށްފައެވެ. މިއަހަރަށް ކަނޑައަޅާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރ ގައި އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ހަނގުރާމައެއްގެ މެދުތެރޭ އޮތް ރަޝިޔާއިންކަން ފާހަގަ ކޮށްލެވެއެވެ. އެޤައުމުން މާރޗް 26ގެ ނިޔަލަށް 60،590 ފަތުރުވެރިން ވަނީ އައިސްފައެވެ. ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއިންވެސް ވަނީ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ފަތުރުވެރިން އަންނަން ފަށާފައެވެ.

 

ރަޝިޔާ ފިޔަވައި މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކަކީ:

  • އިންޑިއާ- 52،734 ޓޫރިސްޓުން
  • އިނގިރޭސިވިލާތް- 45،545 ޓޫރިސްޓުން
  • އިޓަލީ- 43,869 ޓޫރިސްޓުން
  • ޖާމަނީ- 34,516 ޓޫރިސްޓުން ނެވެ. މީގެ އިތުރުން ފްރާންސް، އެމެރިކާ، ޗައިނާ، ސްވިޒަރލޭންޑް އަދި ޕޮލެންޑްފަދަ ޤައުމުތައް ހިމެނެއެވެ.

 

ވޭތުވެދިޔަ އަހަރު ރާއްޖެ އައިސްފައި ވަނީ 1.6 މިލިއަން ޓޫރިސްޓުންނެވެ.

މިއަހަރުގެ މާރޗް 26ގެ ނިޔަލަށް 500،597 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 22.3 އިންސައްތައިގެ ކުރިއެރުމެކެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 409،426 ފަތުރުވެރިންނެވެ. 2021 ވަނަ އަހަރާ އަޅާކިޔަސް މިއީ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 278،274 ފަތުރުވެރިންނެވެ. ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 6501 ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.މިއިން ކޮންމެ ފަތުރުވެރިއަކުވެސް އެވްރެޖްކޮށް 8 ދުވަހު ރާއްޖޭގައި މަޑު ކުރާކަމަށް ރެކޯޑުތަކުން ދައްކައެވެ.