English Edition
Dhivehi Edition

އައްޑޫގައި ހޯމްކަރަންޓީނަށް އެންމެ ފުރަތަމަ ގެންދިޔަ ގުރޫޕްގެ ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އެ އެންމެންވެސް ކޮވިޑް19 އަށް ނެގެޓިވްވެފައިވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު (ސާތު) ވިދާޅުވެއްޖެއެވެ.

‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެއްވަމުން ސާތު ވިދާޅުވީ މި މަހުގެ 07 ވަނަ ދުވަހު މާލެއިން އައްޑޫ އަށް އައިސްފައިވާ މީހުންގެ ސާމްޕަލްތައް ނަގާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގައި ކަމަށާއި ކޮންމެ އަވަށެއްގެ ސާމްޕަލްތައްވެސް ނަގާފައިވަނީ އެ އަވަށެއްގެ ސިއްހީ މަރުކަޒުން ކަމަށެވެ. އަދި ސާމްޕަލް ނެގި40 މީހުންގެ ނަތީޖާވެސް ނެގެޓިވްވެފައިވާކަމަށް ސާތުވަނީ ވިދާޅުވެފައެވެ.

ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އައްޑޫ އިން ކޮވިޑް ޓެސްޓް ހެދުމުގެ މަސައްކަތް ފެށިގެން ދިޔައިރު އެންމެ ފުރަތަމަ ޓެސްޓް ހެދުމަށް ބޭނުންކޮށްފައިވަނީ ބަޔޯ ފަޔަރ މެޝިނެކެވެ. އެ މެޝިނުން ދުވާލަކު 24 ސާމްޕަލްގެ ޓެސްޓު ހެދޭއިރު މާލެ އިން އައްޑޫ ސިޓީ އަށް ޕީސީއާރް މެޝިނެއް ގެނެސް، މިހާރު ދުވާލަކު 100 ޓެސްޓު ހެދޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. މީގެ ކުރިން އައްޑޫ އިން ނަގާ ސާމްޕަލްތައް މާލެއަށް ފޮނުވާފައިވާއިރު، އައްޑޫ ގައި މެޝިނުން ޓެސްޓުތައް ހެދުމަށް ލެބް ޓެކްނޮލޮޖިސްޓުންނަށްވަނީ ތަމްރީންކޮށްފައެވެ.

މާލެ ސިޓީގެ ލޮކްޑައުންއަށް ފަހު، އެނބުރި ރަށްރަށަށް ދާ މީހުން ރަށަށް ދިއުމަށްފަހު ގޭގައި ކަރަންޓީން ކުރެވޭގޮތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން)ނިންމާފައވަނީ ވަކި އުސޫލުތަކެއްގެ ދަށުންނެވެ.