English Edition
Dhivehi Edition
އައްޑޫ ސިޓީ ފޭދޫ އަދި މަރަދޫފޭދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: މިފްޒާލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު”ގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުން ހޮވުނު ފަސް ޕްރޮޖެކްޓްގެ ތެރޭގައި އައްޑޫ ސިޓީ ފޭދޫގައި “މާމަ ކާފަ ޕާކް”ގެ ނަމުގައި ޕާކެއް ތަރައްޤީ ކުރުމުގެ މަޝްރޫޢު ހިމެނިއްޖެ އެވެ.

ބީއެމްއެލް އިން މިއަދު ބުނީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން އެ ބޭންކުން ތައާރަފްކުރި “އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު”ގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓް ހޮވައި އެ ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފައިސާ އެ ފަރާތްތަކާ ހަވާލުކޮށްފިއެވެ.

އެގޮތުން ހޮވުނު ފަސް ޕްރޮޖެކްޓަކީ:

  • ށ. ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ގާއިމްކުރުން – ޖިނާން މުޙައްމަދު
  • އއ. ތައުލީމީ މަރުކަޒުގެ (އ.އ ރަސްދޫ) ލައިބްރަރީ ތަރައްޤީކުރުން – އިސްމާޢިލް ޝިމާއު
  • ތ. ވޭމަންޑޫ ބީޗް ސަރަހައްދުގައި ޕިކްނިކް އޭރިއާ އެއް ތައްޔާރުކުރުން – –ފަހުދު ޢަބްދުއްޝަކޫރު
  • ގދ. ވާދޫގައި ސްކޭޓް ޕާކެއް ގާއިމްކުރުން – ހުވަދޫ އެސޯސިއޭޝަން ފޯރ ޓުއަރިޒަމް (ހެޓް)
  • ސ.ފޭދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ޕާކެއް ގާއިމްކުރުން – ޝިމްލާ އަޙްމަދު

“އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިވެ، ޕްރޮޖެކްޓްތައް ނިންމުމުގައި ލަސްތަކެއްވެސް މިވަނީ ކުރިމަތިވެފަ. އެހެން ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މުޖުތަމައަށް ފައިދާކުރާނެ ވިހި ޕްރޮޖެކްޓަކަށް މި ފަންޑުގެ ދަށުން އެހީތެރިކަންފޯރުކޮށްދިނުން. އަދި މިދަތި އުނދަގޫ ހާލަތުގައިވެސް ރަށްރަށުގައި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން”، ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު ސައީދު ވިދާޅުވިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް ވަނީ 25 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

ބީއެމްއެލް އިން ބުނީ މި އަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފައިވާ ކަމަށާއި، ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެ ކަމަށެވެ. އަދި ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބޭންކުން ބުނެއެވެ.