English Edition
Dhivehi Edition
އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ އުއްމީދީ ފޯވާޑް ލޮޓާރޯ މާޓިނޭޒް. --ފޮޓޯ: އޭޕީ

ސްޕެއިނުގެ ޗެމްޕިއަން ބާސެލޯނާ އިން ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އާޖެންޓީނާގެ އުއްމީދީ ފޯވާޑް ލޮޓާރޯ މާޓިނޭޒް، އަންނަ ސީޒަނުގައި ވެސް ބެހެއްޓޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އިންޓަ މިލާނުގެ ސީއީއޯ ގިސެއްޕެ މަރޯޓާ ބުނެފިއެވެ.

އެގޮތުން، މާޓިނޭޒްގެ ކޮންޓްރެކްޓް އުވާލުމަށް ދައްކަންޖެހޭ 110 މިލިއަން ޔޫރޯ ދައްކައިގެން މެނުވީ އެ ކްލަބުން އޭނާ ނުގެންދެވޭނެ ކަމަށް ވެސް މަރޯޓާ ބުންޏެވެ. އެހެންކަމުން، މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދިމާވެފައިވާ މާލީ މައްސަލަތަކާ ހުރެ ބާސެލޯނާ އަށް ވެސް އެވަރުގެ އަދަދެއް ދެއްކޭނެ ކަމަށް ނުބެލެވެއެވެ.

“ލޮޓާރޯ އަކީ ޒުވާން ހުނަރުވެރި މޮޅު ކުޅުންތެރިއެއް. ގިނަ ކްލަބުތަކުން އޭނާ އަށް ޝައުގުވެރިވޭ. އެކަމަކު، އިންޓަގެ ކުޅުންތެރިންނަކީ ވިއްކާ ކުޅުންތެރިންނެއް ނޫން.” ސްކައި އިޓާލިއާ އަށް ދިން އިންޓަވިއުއެއްގައި މަރޯޓާ ބުންޏެވެ.

މަރޯޓާ އިތުރަށް ބުނީ މާޓިނޭޒަށް ދޭ ސަމާލުކަމާ ގުޅިގެން ކޮންމެވެސް ވަރެއްގެ އުނދަގޫތައް ކުރިމަތިވި ނަމަވެސް، އެއީ އެކަން ހިނގާނެ ގޮތް ކަމަށާއި، އެހެންނަމަވެސް އިންޓަ އިން އޭނާ ދޫކޮށްލަން ބޭނުންނުވާ ކަމަށެވެ.

“މާޓިނޭޒަށް ދޭ ސަމާލުކަމާ ގުޅިގެން އެކަމުގެ އުނދަގޫ އިހްސާސްތައް ކުރެވުނު ނަމަވެސް، މި ކްލަބުން އޭނާ ދޫކޮށްނުލާނަން. އަނެއްކޮޅުން އޭނާ ވެސް ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފައެއް ނެތް.”

“މި ކްލަބުގައި އޭނާ ބެހެއްޓޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް.” މަރޯޓާ ބުންޏެވެ.

އިންޓަ މިލާނާ، ސަމްޕްޑޯރިއާ ބައްދަލުކުރި މެޗުގެ ތެރެއިން. –ފޮޓޯ: އޭޕީ

އުމުރުން 22 އަހަރުގެ މާޓިނޭޒަކީ ބާސެލޯނާ އިން އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ ލުއިސް ސުއަރޭޒްގެ ބަދަލުގައި ގެންދިއުމަށް އެންމެ ބޭނުންވާ ކުޅުންތެރިޔާ ކަމަށްވާއިރު، ބާސެލޯނާގައި ލިއޮނަލް މެސީއާ އެކު ކުޅެން ބޭނުންވާތީ މާޓިނޭޒް ވެސް ސްޕެއިނަށް ބަދަލުވާން ބޭނުންވާ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެެވެ.

މީގެކުރިން، މާޓިނޭޒްގެ އޭޖެންޓް ސާޖިއޯ ޒަރާޓޭ ވެސް ވަނީ ރެއާލް މެޑްރިޑަށް ވުރެ ބާސެލޯނާ އަށް އޭނާ ބަދަލުވުމުގެ ފުރުޞަތު ބޮޑުކަމަށާއި، ކުރިއަށް ޓްރާންސްފާ ބާޒާރުގައި ހުރިހާ ކަމެއް ފެނިގެންދާން ކަމަށް ބުނެފައެވެ.

އާޖެންޓީނާގެ ރޭސިން ކްލަބުން 2018 ވަނަ އަހަރު 25 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް އިންޓައާ ގުޅުނު މާޓިނޭޒް ވަނީ އެ ކްލަބަށް މިހާތަނަށް ކުޅެދިން 68 މެޗުގައި 26 ލަނޑު ޖަހައިދީ، އިތުރު ހަތަރު ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ. އަދި މީގެ އިތުރުން، އޭނާ ވަނީ 2018 ވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 17 މެޗުގައި ނުވަ ލަނޑު ޖަހައިދީފައެވެ.