ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްކެވި ވާހަކަތައް ކޮމިޝަނުން ދޮގުކޮށްފި އެވެ.
މަރު ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ހޯދުމަށް މަޖިލީހުން އެދިފައިވާ ކަމަށެވެ. އެގޮތުން މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ގޮންޖެހުންތައް ކުރިމަތިވާ މައްސަލަ މަޖިލީހަށް ހިއްސާ ކޮށްފައިވާނެ ކަމަށާއި އެހެންނަމަވެސް ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައި ނުވާނެކަމަށެވެ. “މި ފުރުސަތުގައި ކޮމިޝަންގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،” ބަޔާނުގައި ބުނެފައިވެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަރުކަށި ފިކުރާ ގުޅޭ ގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ކޮމިޝަނުން ދެކޭ ގޮތުގައި ކޮމިޝަނަށް ދެން އިތުރު ހެއްކެއް ހޯދެން ނެތުމާއެކު ދެން އިތުރަށް އެ މަސައްކަތް ކުރެވެން ނެތްކަމަށް ބުނެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. “ކޮމިޝަންގެ ތަހުގީގު ކުރިއަށް ނުގެންދެވޭނެ ސަބަބެއް ކަމަށް އެ ކޮމިޝަނުން މަޖިލީހުގެ އިދާރާ އަށް ފޮނުވި ސިޓީގައި އަންގާފައި އޮތީ ޑްރާފްޓް ރިޕޯޓު އާއްމުވުން. އަޅުގަނޑަށް ޔަގީން އެ ކޮމިޝަންގެ ރިޕޯޓް ތިޔަ ބޭފުުޅުންނާ ހަމައަށް ލިބިވަޑައިގަތީމާ އަދި އިތުރަށް ސާފުވެވަޑައިގަންނަވާނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.
ނޮވެމްބަރު 17، 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި މަރު ކޮމިޝަނުން ބަލަމުން އައި މައްސަލަތަކުގެ ތެރޭގައި ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާ ބެހޭ ޑްރާފްޓް ރިޕޯޓަކާއި ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި ހާދިސާއާއި ގުޅޭ ރިޕޯޓެއް މަޖިލީހަށް ފޮނުވި އެވެ. މީގެ އިތުރުން ބަގްލަދޭޝްގައި ކިޔަވަމުންދިޔަ ރައުދާ އާތިފްގެ މަރާއި ގުޅޭ ރިޕޯޓެއްވެސް މަރު ކޮމިޝަނުން ވަނީ ތަހުގީގުކޮށް ނިންމާފަ އެވެ.