English Edition
Dhivehi Edition
އެސްޓަން ވިލާ ކޮޅަށް ލަނޑުޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޗެލްސީ އިން ރަށުން ބޭރުގައި 2-1 އިން އެސްޓަން ވިލާ ބަލިކޮށް ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރަން ކުރާ މަސައްކަތުގެ ތެރެއިން ބޮޑު ލީޑެއްނަގައި ހަމަޖެހިލިއިރު، ލީގުގެ އެއްވަނައިގައި ބޮޑު ތަފާތަކާއެކު އޮތް ލިވަޕޫލް އިން މާސޭސައިޑް ޑާބީގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ރޭގެ މެޗުތަކަށްފަހު ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލަށް 30 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، އޭގެ 23 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 54 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި 51 ޕޮއިންޓާއެކު އޮތީ ޗެލްސީ އެވެ.

އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މެޗުގައި ހީކުރި ގޮތާއި ހިލާފަށް އެ ޓީމުން ލީޑްނެގީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ކޯޓްނީ ހޯސް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން އެސްޓަން ވިލާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 15 ވަރަކަށް މިނެޓުގެ ތެރޭގައި ޗެލްސީ އަށް ކުޅެމުން އަންނަ އެމެރިކާގެ ފޯވާޑް ކްރިސްޓިއަން ޕުލިސިޗް ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ދެ މިނެޓުފަހުން، ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ވަނީ ޗެލްސީ އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. އެ ޓީމުގެ ދެ ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އެވެ.

އޭގެފަހުން، ޗެލްސީގެ ލީޑް ފުޅާކުރުމަށް ޓެމީ އެބްރަހަމް އާއި ވިލިއަން އަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، އެސްޓަން ވިލާގެ ޔޮޓާ އަށް އެއްވަރުކުރުމަށް ރަނުގެ ފުރުޞަތެއްލިބި ބޭނުންހިފޭގޮތެއްނުވިއެވެ.

އެވަޓަންގެ ދަނޑުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ރޮއިޓާސް

އެވަޓަންގެ ގުޑިސަން ޕާކްގައި ރޭ ކުޅުނު މެޗަށް ލިވަޕޫލުން ނިކުތީ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ސަލާހާއި އެންޑީ ރޮބަޓްސަން އާ ނުލައެވެ. ސަލާހުގެ ބަދަލުގައި ޓަކޫމީ މިނަމީނޯ އަށް ފުރުޞަތު ދީފައިވާއިރު، ރޮބަޓްސަންގެ ބަދަލުގައި ވާތު ފަޅިން ފުލްބެކަކަށް ކުޅުނީ އަބަދަށްފެހި ކުޅުންތެރިޔާ ޖޭމްސް މިލްނާ އެވެ. އެކަމަކު، ފުރަތަމަ ހާފުގައި މިލްނާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައި އިނގިރޭސި ޑިފެންޑަރު ޖޯ ގޯމޭޒް ވަނީ ކުޅެން އަރުވާފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާގިނަ ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު، އެންމެ ރަނގަޅު ފުރުޞަތުގައި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު، މެޗުގެ ކުރީކޮޅު ރިޗާލިސަން ފޮނުވާލި ބޯޅަ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ މަތަކުރިއެވެ.

އެހެންނަމަވެސް، ދެވަނަ ހާފުގައި އެވަޓަން އަށް ވަނީ ލީޑްނެގުމަށް ރަނގަޅު ދެ ތިން ފުރުޞަތެއްލިބިފައެވެ. އެގޮތުން، އެ ޓީމުގެ އިނގިރޭސި ފޯވާޑް ޑޮމިނިކް ކެލްވަޓް-ލުވިން ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ކީޕަރު އެލިސަން މަތަކުރިއިރު، ރީބައުންޑް ބޯޅައިގައި ޓޮމް ޑޭވީސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. އޭގެފަހުން، ކެލްވަޓް-ލުވިންގެ އިތުރުން ރިޗާލިސަން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތެއްނުވިއެވެ. ލިވަޕޫލަށް މި ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ހިލޭޖެހުމަކުން ފަބީނިއޯ ފޮނުވާލި ބޯޅަ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް މަތަކުރިއެވެ.

ލީގުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި ޔޫރަޕްގެ ޖާގައަކަށް ވާދަކުރަމުން އަންނަ ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ނިއުކާސަލް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ކުރިހޯދާފައެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޝެފީލްޑްގެ ޑިފެންޑަރު ޖޯން އީގަން އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމަށް މައްސަލަތައް ކުރިމަތިވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ނިއުކާސަލްގެ އެލަން ސެއިންޓް-މެކްސިމިން އާއި މެޓް ރިޗީގެ އިތުރުން ޖޮއެލިންޓަން ކާމިޔާބުކުރި ގޯލްތަކުން ވަނީ އެ ޓީމަށް މުހިއްމު ތިން ޕޮއިންޓް ހޯދައިދީފައެވެ.