English Edition
Dhivehi Edition

ހިތްވަރުގަދަކަމަކީ އަދުގެ ކޮންމެ އަންހެން ކުއްޖަކުވެސް އެކުއްޖެއްގެ ކިބައިގަ ހުންނަން ބޭނުންވާނެ ސިފައެއްކަން ޔަޤީނެވެ. ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި މިކަހަލަ އަންހެނަކާއި އަޅުގަނޑުމެންނާއި ދިމާވެ އެފަދަ ދިރިއުޅުމަކަށް އަޅުގަނޑުމެން ކޮންމެ އަންހެނަކުވެސް އެދިފައިވާނެކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. އެފަދަ އަންހެން ބަޠަލާއިންގެ ހިތްވަރުގަދަ ކަމުގެ ސިއްރަކީ ކޮބައިކަމާމެދު ހިތުގައި ސުވާލު އުފެދޭހެއްޔެވެ؟ ތިރީގައި ހިމަނާފައިވަނީ ހިތްވަރުގަދަ، ހަރުދަނާ އަންހެނަކަށްވުމުގެ ގޮތުން ކުރެވިދާނެ 10 ކަމެކެވެ.

  • ތިމާއަކީ މިނިވަން، އަދި ތިމާގެ ނަފްސު ތިމާ އަމިއްލައަށް ބެލެހެއްޓޭ އަދި އެހެން މީހަކަށް ބޭނުންނުވާ ކަމުގެ މައްޗަށް ފަޚްރުވެރިވާ އަމިއްލަ ޒިންމާތައް އަމިއްލައަށް ނެގޭ މީހެއް ކަމުގައި ވުމީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
  • ތިމާ އަމިއްލައަށް ތިމާ ދެނެގަތުމުގައި ވަގުތު ހޭދަކޮށް، ތިމާގެ ނަފްސަށްޓަކައި ތިމާ ބޭނުންވަނީ ކޮންކަންތަކެއްތޯ ދެނެގަތުމަކީ ހިތްވަރުގަދަ، ހަރުދަނާ އަންހެނަކަށްވުމަށް މުހިއްމުކަމެކެވެ. އަދި ބޭނުންވާ ކަންތައް ކުރުމުގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި އެކަމެއް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން ވެސް މީގައި ހިމެނެއެވެ.
  • ތެދުވެރިކަމަކީވެސް މިފަދަ އަންހެނަކަށްވުމަށް ނުހަނު ބޭނުންތެރި ކަމެކެވެ. އަދި ހަމައެއާއެކު ކެތްތެރިކަމާއެކު މީހުންނާ ކުރިމަތިލުމާއި އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.
  • ބައިވެރިއަކު އިޚްތިޔާރުކުރުމުގައި ތިމާއަށް ހިތްހަމަޖެހުން ލިބޭ ގޮތަކީ ކޮބައިކަން ބެލުމާއި ތިމާއަށް ފައިދާހުރި ކަންތައްތަކުގައި ތިމާގެ އަމިއްލަ ނަފްސު އިސްކުރުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.
  • ތިމާއަށް ދޮގު ހަދައި އުޅޭ މީހުންނާއި ދެފުށް ދެގޮތް މީހުން ދެނެގަނެ އެފަދަ މީހުންނާ ދުރުހެލިވެ ތިމާއަށް އުފާވެރިކަން ގެނެސްދޭ މީހުން ގާތްކުރުންވެސް މީގައި ހިމެނެއެވެ.
  • ތިމާގެ އަގު ތިމާ އަމިއްލައަށް ވަޒަން ކުރަން އެނގޭ މީހެއްކަމުގައި ވުމާއެކު ތިމާގެ ނަފްސަށް ދޭންޖެހޭ އިއްޒަތާއި ގަދަރު ދެވޭ މީހެއްކަމުގައިވުމަކީ ވެސް މިފަދަ އަންހެނަކަށް ވުމަށް ބޭނުންތެރިކަމެކެވެ.
  • ދިރިއުޅުމުގައި އަޑިގުޑަންތައް އަންނާނެ ކަމާއި އެކަންތައްތަކާއި ކުރިމަތިލާނޭ ގޮތްތައް ހޯދުމާއި، ތިމާގެ ނަޒަރިއްޔާ އާއި ވިސްނުމަށް އިތުބާރުކުރާ އަދި އެހެން މީހުންނާ ހިއްސާ ކުރެވޭ މީހުން ކަމުގައި ހިތްވަރުގަދަ އަންހެނުން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން އަޅުގަނޑުމެންވެސް މިކަމާ މެދު ވިސްނާލުން މުހިއްމެވެ.
  • ތިމާގެ ދިރިއުޅުމުގައި ހިނގާ އެންމެހާ ކަންތައްތަކަކީ ތިމާއަށް ކޮންޓްރޯލް ކުރެވޭ ކަންތައްކަމުގައި ވުމާއި ރަނގަޅު ރަހުމަތްތެރިންނަކީ ކިހާ މުހިއްމު ބައެއްކަން ދެނެގަތުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.
  • ތިމާގެ ދިރިއުޅުމުގައިވާ ތިމާއަށް ރަނގަޅު މީހުންނަށް ވަފާތެރިވުމާއެކު އެމީހުން ދެކެ ލޯބިވެ އެމީހުންނަށްޓަކައި ކަންކަން ޤުރުބާން ކުރަން ޖެހިއްޖެ ނަމަ އެކަމެއް ކުރުމަކީވެސް ހިތްވަރުގަދަ ޒުވާނަކަށްވުމަށް މުހިއްމުކަމެކެވެ.
  • އެހެންމީހުން ދެނެގަތުމަށް މަސައްކަތް ކުރުމާއެކު މީހުންނަށް އަޅާލާ، ހެޔޮ ނަސޭހަތްދީ އެހެން މީހުންގެ ކިބައިގައިވާ ރަނގަޅު ސިފފަތައް ބަޔާން ކުރާ އެހީތެރި މީހެއްކަމުގައި ވުމީ ހަރުދަނާ އަންހެނަކަށްވުމަށް މުހިއްމު ކަމެކެވެ.

ހިއްވަރުގަދަ ކެރޭ އަންހެނަކަށް ވުމީ ދިރިއުޅުމުގައި ލިބޭ އެންމެ ބޮޑު އެއްކާމިޔާބީއެވެ.