މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އިރާގުގެ ކުރީގެ ފުޓްބޯޅަ ތަރި އަހުމަދު ރާދީ މަރުވެއްޖެއެވެ.
އެ ގައުމުގެ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޑިއާ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވާގޮތުން، ރާދީގެ ސިއްހީ ހާލަތު ގޯސްވުމުން ބަގުދާދުގެ ހޮސްޕިޓަލެއްގައި މި މަހުގެ 13 ވަނަ ދުވަހު އެޑްމިޓްކޮށްފައިވާ ކަމަށާއި، ކޮވިޑް-19 އަށް ޕޮޒިޓިވްވެ އޭނާ މަރުވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
1980ގެ އަހަރުތަކުގައި އިރާގުގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ވިދާލި ރާދީ މަރުވިއިރު އުމުރަކީ 56 އަހަރެވެ. އޭޝިއާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް 1988 ވަނަ އަހަރު ހޮވުނު ރާދީ ވަނީ 1986 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ވައްދާލި ގޯލާއެކު އެ މުބާރާތުގެ ތާރީޚުގައި އިރާގަށް އެންމެ ފުރަތަމަ ލަނޑުޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ.
ދުނިޔޭގެ އެތައް ގައުމަކަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ގަލްފުގެ ގައުމެއް ކަމަށްވާ އިރާގުން އިއްޔެ އެކަނިވެސް 1،870 އެއްހާ މީހުން މި ބައްޔަށް ޕޮޒިޓިވްވެ، 88 މީހުން ވަނީ މަރުވެފައެވެ. އިއްޔެ އަކީ އެ ގައުމުގައި މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ދުވަހެވެ. މިއާއެކު، އިރާގުގައި މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު 29،222 އަށް އަރާފައިވާއިރު، 1013 މީހުން ވަނީ މަރުވެފައެވެ. މި ބަލީގައި އެ ގައުމުން ރަނގަޅުވި މީހުންގެ އަދަދަކީ 13،211 އެވެ.
މީގެއިތުރުން، ބަގުދާދުގައި ބަލިޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީވެ، އެކަން ކޮންޓްރޯލްކުރުމުގެ ގޮތުން އެކި ސަރަހައްދުތަކުގައި ކަރަންޓީން ސެންޓަރުތައް ހުޅުވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އިރާގުގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މުޅި ދުނިޔޭން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 8.97 މިލިއަނަށް އަރާފައިވާއިރު، ގާތްގަނޑަކަށް 467،803 މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލީގައި މުޅީން ރަނގަޅުވި މީހުންގެ އަދަދަކީ 4,774,208 އެވެ.