English Edition
Dhivehi Edition

ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމެޓީގައި މިހާރު އެ ބިލު ދިރާސާކުރަމުން އަންނައިރު މިއަދު މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ ޚިދުމަތުގެ ބިލަށް އެއްވެސް ޙިޔާލެއް ހުށަހަޅަން ބޭނުންފުޅުވާނަމަ ކޮމިޓީގެ އީމެއިލް [email protected] އަށް ޙިޔާލު ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މި ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ބިލަކީ ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލެކެވެ. އެ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސް، ޒަމާނީ މުއައްސަސާއަކަށް ބަދަލުކުރަން ބޭނުންވާ އެންމެހާ މައުލޫމާތާއި އިޖުރާތްތައް ބިލުގައި ފުރިހަމަ ވާ ކަމަށެެވެ.

އިތުރަށް ނަޝީދު ވިދާޅުވީ ފުލުހުންގެ ގާނޫނަށް ޚިޔާލު ހޯދުމުގެ ގޮތުން މަޝްވަރާ ކުރާ އިރު ފުލުހުންގެ ކުރީގެ ޗީފަކާއި އަނާކިސްޓަކު ހިމަނަން ފެނިވަޑައިގަންނަވާ ކަމަށެވެ.

މި ބިލާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުންވަނީ ދިވެހި ފުލުުހުންނަކީ ދަށްބައެއްގެ ގޮތުގައި ސިފަކޮށް ފުލުހުންގެ ބާރުތައް ކުޑަކޮށް ޔުނީފޯމަށް ބަދަލުގެންނަން ޖެހޭ ފަދަ މޭރުމަކުންވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ފުލުހުންގެ ބިލް ފަރުމާކޮށްފައިވަނީ މަޖިލީސްގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވޭނެ ގޮތަށް ބަރުލަމާނީ ނިޒާމަށް އަމާޒުކޮށްގެންކަމަށް ތުހުމަތުކޮށް އިދިކޮޅު މެމްބަރުންވެސް ވަނީ މި ބިލަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.