މުޒާހަރާ ހުއްޓުވޭނީ މަޖިލިސް ހުއްޓުވާފައިކަމަށާއި މަޖިލިސް ކުރަނީ އެޗް.ޕީ.އޭގެ އެންގުމާ ހިލާފަށްކަމަށް ނަވާނަވައި ހަރަކާތުގެ ސްޕޯކްޕާސަން ފާތިމަތު ސާއިރާ ވިދާޅުވެއްޖެއެވެ،
ރައްޔިތުންގެ މަޖިލިސް “ހޭލައްވާލަން” މި ނަމުގައި އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިސް ކައިރީގައި މުޒާހަރާ ކުރުމަށް ނަވާނަވައި އިން ނިންމުމާއި ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުންތަކާއި ހިލާފްނުވުމަށް ފުލުހުން ވަނީ އިލްތިމާޒްކޮށްފައެވެ.
ފުލުހުން އެއްވުންތައް ނުބޭއްވުމަށް ގޮވާލާ ބަޔާނެއް ނެރެފައިވާއިރު ސާއިރާ އޭނާގެ ފޭސްބުކްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ދައްކަމުންދަނީ ބޭކާރު ވާހަކަތަކެއް ކަމަށާއި މަޖިލީހުން ރައްޔިތުން ކޮބައިތޯވެސް ބަލާނުލާކަމަށެވެ. “އެތާ ދައްކަނީ ބޭކާރު ވާހަކަ ވަހީދަށް ބާގީ ކިޔޭނެތޯ ނޫންތޯ ބަހުސް ކޮށްފި. ދަންވަރު މަޖިލިސް ހުޅުވައިގެން ކައުންސިލް ދަންމައިފި. ރައްޔިތުން ކޮބާތޯވެސް ބަލާނުލާ.” ސާއިރާ ވިދާޅުވިއެވެ.
އިތުރަށް ސާއިރާ ވިދާޅުވީ ރިޒޯޓުތަކުގަ ފައިސާ ނެތިގެން ރަށު (ރިސޯޓްތަކުގެ)ކުލި ނުދައްކާ ގޮތަށް ހަމަޖައްސައި ދީފައިވާކަމަށާއި އެކަމަކު މަހަކު ހަތް ހާސް އަށް ހާސް ލިބޭ މީހާގެ އާމްދަނީ ނުލިބި 3 މަސް ވީއިރުވެސް ކުލި ދައްކަން މަޖުބޫރުކޮށްފައިވާކަމަށެވެ.” މީހުން މަގުމަތި ކުރުވުން ވަގުތީގޮތުން ހުއްޓުވޭނެ. އެހެން ގައުމުތަކުން ވެސް މިކަން ކުރި. އެކަމަކު މި މަޖިލީހުން ހުރިހާ ކަމެއް ނިންމީ ފައިސާވެރިން ބުނި ގޮތަށް” ސާއިރާ ވިދާޅުވިއެވެ.
ސަރުކާރުން ރައްޔިތުންނާއި މެދު އިހުމާލުވެފައިވާ ކަން ފާހަގަކުރައްވަމުން ސާއިރާ ވަނީ ކޮވިޑް19 ގެ ބަލިމަޑު ކަން އައި ފަހުން ކިތަށް ފްލައިޓް ރާއްޖެއިން ބޭރަށް އުދުހިއްޖެތޯ އާއި ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ނުލިބި ހާލު ދަށްވަމުން އަންނަ ބަލި މީހުން އޭގެއިން ފްލައިޓެއްގަ ބޭރަށްފޮނުވައި ދީ ބޭސް ކުރެވޭނެ ގޮތް ހޯދައި ދޭން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ވިދާޅުވެފައެވެ. “އަހަރެމެންނާ ދެކޮޅަށް ދައުލަތުން ހިންގާ އިހުމާލާއި ބޭއިންސާފަކީ ސަޅި ރީތި ކަންކަމެއް ނޫން. އެކަމާ ދެކޮޅަށް އަހަރެމެން ނިކުންނާނީ ސަޅި ގޮތާއި، ގާނޫނީ ގޮތަކީ، ރީތި ގޮތަކީ ކޮބައިތޯ ބަލައިގެނެއް ނޫން. ގާނޫނު ހަދަނީ ވެސް ރައްޔިތުން އޮބަހައްޓަނީވެސް އެއްބަޔަކު” ސާއިރާ ވިދާޅުވިއެވެ. އިތުރަށް ސާއިރާ ވިދާޅުވީ ރައްޔިތުންލައްވާ ގާނޫނާ ހިލާފަށް މަސައްކަތް ކުރުވާ މަހުޖަނުން ނުހުއްޓުވޭކަމަށާއި އެކަމަކު މުޒާހަރާ ހުއްޓުވޭކަމަށެވެ.
މަޖިލީހުން މިނިވަން ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމުގައިވެސް ސާއިރާވަނީ ސިޔާސީ ވެރިންނަށާއި ބޮޑެތި މަހުޖަނުންނަށް ވަރުގަދަ ރައްދެއް ދެއްވާ ރައްޔިތުންގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތުކުރައްވާފައެވެ.
ރައްޔިތުންނާ ގުޅޭ މަސައްކަތްތައް ނުކޮށް މަޖިލީހުން ސިޔާސީ މަަސައްކަތްތައް ކުރާ ކަމަށް ނަވާނަވައިން ބުނެފައިވާއިރު ހޯމަ ދުވަހު ބާއްވާ މުޒާހަރާގައި މައިގަނޑު ގޮތެއްގައި އިހުތިޖާޖު ކުރާނީ ކުލި ނުދެއްކިގެން އާއިލާތައް މަގުމަތި ކުރުން ހުއްޓުވުމަށާއި، ތިމާވެށި ހަލާކު ކުރުން ހުއްޓުވުމަށާއި، ކުޑަކުދިންނާއި އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތަށް ފައިސާ ހަމަޖެއްސުމާއި، އިންކަމް ސަޕޯޓު އެލަވަންސް ނުލިބޭ ފަރާތްތަކަށް އެލަވަންސް ދިނުން އަވަސް ކުރުމަށެެވެ.