English Edition
Dhivehi Edition
މަސްވެރިންެގެ މުޒާހަރާ
ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ބޮޑު ކަންނެލި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން، ބިދޭސީ ފަޅުވެރިން ހައްޔަރުކުރި މައްސަލަ ކުށްވެރިކޮށް އެ މީހުން ވަގުތުން ދޫކޮށްލުމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އެދިއްޖެއެވެ.
އެ ޔޫނިއަނުން ބުނީ މުޒާހަރާގައި ބައިވެރިވި ބިދޭސީން ހައްޔަރުކޮށްފައިވަނީ އަނިޔާވެރިކޮށް ކަމަށާއި، ކަންކަން ހައްލުކުރަން ޖެހޭނީ ބާރުގެ ބޭނުންކޮށްގެން ނޫން ކަމަށެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި ޔޫނިއަނުން ބުނީ، މުޒާހަރާގައި ތިބި މަސްވެރިންނާއި ފަޅުވެރިން ގޮވާލަމުން ދިޔައީ ބާނާ މަހަށް ހަމަ އަގު ހޯދުމަށް ކަމަށެވެ. އެހެންކަމުން ސުލްހަވެރިކަމާއެކު ޝުއޫރު ފާޅުކުރަމުން ދަނިކޮށް، ދޯނި ފަހަރަށް ފުލުހުން އަރައި ބިދޭސީން ހިފަހައްޓައި ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ފަރާތުން ފާހަގަކުރެއެވެ. އަދި ކަމާބެހޭ އިދާރާތަކުން މިހާރުން މިހާރަށް އެ މީހުން މިނިވަންކޮށް، މަޝްވަރާގެ އުސޫލުން ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ގޮވާލާފައެވެ.

މަސްވެރިންގެ މި މުޒާހަރާގައި 60 ވަރަކަށް އޮޑި ބައިވެރިވެފައިވާއިރު، އެ މީހުންގެ އެންމެ ބޮޑު އެދުމަކީ ކަންނެލި ކިލޯއެއްގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގައި ހިފެހެއްޓުމާއި ތެލާއި އައިސް ފަސޭހައިން ލިބޭނެ ގޮތްވުމެވެ. މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ހަދާ ކަންނެލި ޕްރޮސެސިން ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.