English Edition
Dhivehi Edition
ކ. ކާށިދޫގައި ތަރައްޤީކުރަން ނިންމާފައިވާ "ޖާބިރު އެއާޕޯޓް"ގެ ކުރެހުމެއް - ފޮޓޯ: ޑީއާރުޕީ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރ، ޢަބްދުﷲ ޖާބިރު، އަމިއްލަ ޚަރަދުގައި ކ. ކާށިދޫގައި ތަރައްޤީކުރައްވަން ނިންމެވި އެއާޕޯޓްގެ ކޮންސެޕްޓް އެޕްރޫވަލް އަށް ކާށިދޫ ކައުންސިލަށް ހުށަހަޅުއްވައިފި އެވެ.

ޑީއާރުޕީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ “ޖާބިރު އެއާޕޯޓް” އެޅުމުގެ ހުއްދަ ހޯދަން ކާށިދޫ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ޕޯސްޓާއެކު ޑީއާރުޕީން ވަނީ އެއާޕޯޓް އެޅުމަށް ހަދާފައިވާ ކޮންސެޕްޓްގެ ބައެއް ފޮޓޯތައްވެސް އާންމުކޮށްފަ އެވެ.

ކާށިދޫގައި އަމިއްލަފުޅު ޚަރަދުގައި އެއާޕޯޓެއް ތަރައްޤީކުރައްވަން ނިންމަވާފައިވަކަން ހާމަކުރައްވައި ކާށިދޫ ރައްޔިތުންނަށް ޖާބިރު ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ އެ ރަށުގައި އެއާޕޯޓެއް އެޅުއްވުމަކީ އޭނާގެ ކެމްޕެއިންގެ ވަރަށް މުހިންމު ވަޢުދެއް ކަމަށާއި، އެ ރަށުގެ ކުޑަބޮޑު އެންމެހައި ރައްޔިތުންގެ ހުވަފެނެއްވެސް ކަމަށެވެ.

ޖާބިރު ވިދާޅުވީ ކާށިދޫގައި އެއާޕޯޓެއް އެޅިގެންދިއުމަކީ އެ ރަށުގެ ތަރައްޤީ އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް ކަމަށެވެ. މީގެ އިތުރުން އެކަމާއި ގުޅޭ މަޝްވަރާތައް ސަރުކާރުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއެކު ކުރިއަށްގެންދެިވދައިވާ ކަމަށްވެސް އެ ސިޓީގައި ޖާބިރު ފާހަގަކުރައްވާފައި ވެއެވެ.

އެގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޢައިޝަތު ނަހުލާ އާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް އާއި މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުއްވާފައިވާ ކަމަށްވެސް އެ ސިޓީގައި ޖާބިރު ވިދާޅުވެފައި ވެއެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްވެސް ވަނީ އެކަމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުއްވާފައި ކަމަށާއި، އެކަމަށްޓަކައި އެ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވާ ކަމަށް ޖާބިރު ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ޖާބިރު ވިދާޅުވީ އޭނާގެ އަމިއްލަ ޚަރަދުގައި ކާށިދޫގައި “ޖާބިރު އެއާޕޯޓް”ގެ ނަމުގައި ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށް އެއާޕޯޓެއް ތަރައްޤީކޮށް، އެތަން ހިންގުމަށް ނިންމަވާފައިވާ ކަމަށް ޖާބިރު ވިދާޅުވެފައި ވެއެވެ. އެ ޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އެ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއްބޭފުޅޭއް ކަމަށްވާ އަޙްމަދު މަހުރީން ހަމަޖައްސަވާފައިވާ ކަމަށާއި، ކާށިދޫ ލޭންޑް ޔޫސް ޕްލޭންގައި އެއާޕޯޓް އެޅުމަށް ކަނޑައަޅާފައިވާ ބިން ޖާބިރު އާއި ހަވާލުކޮށް، ރުއްގަހުގެ ބަދަލު ކަންކަން ހަމަޖެއްސުމަށް ކައުންސިލްގައި ދަންނަވާފައިވާނެ ކަމަށްވެސް ޖާބިރު ވިދާޅުވެފައި ވެއެވެ.