English Edition
Dhivehi Edition

އައިލެންޑު އޭވިއޭޝަނުން އިސްލާމިކް މިނިސްޓްރީ އަށް ނުދައްކާ އޮތް 6 މިލިއަން ރުފިޔާ އެ ކުންފުނިން ދައްކައިފިއެވެ.

އައިލެންޑު އޭވިއޭޝަނުން 2016 ވަނަ އަހަރު “ދާރުލް އީމާން” ކުއްޔަށް ހިފުމަށްފަހު ނުދައްކާ އޮތް ފައިސާ ދައްކާ ނިންމާފައިވާއިރު އެ އިމާރާތުގެ ހަ ފަންގިފިލާ ފަސް އަހަރު ދުވަހަށް އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ކުއްޔަށް ދިނުމަށް މިނިސްޓްރީއާ އެކު ސޮއިކޮށްފައިވަނީ 16 ނޮވެމްބަރު 2016 ގައެވެ.

އެ އެއްބަސްވުމުގައި ބަޔާންކޮށްފައި ވަނީ ކުލީގެ ގޮތުގައި ޖުމްލަ އަށް މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށާއި އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ތިން ދުވަސް ތެރޭގައި މިނިސްޓްރީގެ މިސްކިތުފަންޑަށް ހަ މިލިޔަން ރުފިޔާ ޖަމާކުރަންވާނެ ކަމަށެވެ. އަދި ބާކީ ދެ މިލިޔަން އެއްބަސް ވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އެ ފަންޑަށް ޖަމާކުރަންވާނެކަމަށެވެ.

އެ ފައިސާގެ ތެރެއިން ދެ މިލިޔަން ރުފިޔާ 3 އޭޕްރީލް 2018 ވަނަ ދުވަހު މިނިސްޓްރީއަށް ދައްކާފައިވީނަމަވެސް އެ ފައިސާ ދައްކާފައި ވަނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެ، ދިގު މުއްދަތެއް ހޭދަވި ފަހުންނެވެ. އެ ފަރާތުން ކުލީގެ ގޮތުގައި މިނިސްޓްރީއަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ޖުމްލަ ހަ މިލިޔަން ރުފިޔާ 31 ޑިސެމްބަރު 2018 ގެ ނިޔަލަށް ދައްކާފައި ނުވާއިރު 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނުން، މިނިސްޓްރީއަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ދެފަރާތުން މަޝްވަރާކޮށް، ސެޕްޓެމްބަރު މަހުން ފެށިގެން ހަ މަސްދުވަހަށް ބަހާލައިގެން ކޮންމެ މަހަކު އެއް މިލިޔަން ރުފިޔާ މިނިސްޓްރީއަށް ދެއްކުމަށްވަނީ އެއްބަސްވެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަނޑައަޅާފައިވާ ގޮތަށް އައިލެންޑް އޭވިއޭޝަނުން މިހާރު އެ ފައިސާ ދައްކާ ޙަލާސްކޮށްފައިވާކަމަށެވެ.

ރާއްޖޭގެ މިސްކިތްތަކަށް ހަރަދު ކުރުމަށް ގާއިމްކޮށްފައިވާ ވަގުފް ފަންޑަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީއެއް ލިބޭނެ ގޮތެއް ހަމަޖެއްސުމަށް ކުއްޔަށް ދޭ އޮފީސް އިމާރާތް ދާރުލް އީމާން ހުޅުވާފައިވަނީ 12 ޖޫން 2017 ގައެވެ. މާފަންނު މަދަރުސާއާ އިންވެގެން ހުޅަނގަށް އޮތް ބިމުގައި ބިނާކުރި 10 ބުރީގެ އެ އިމާރާތަކީ ދައުލަތުގެ ބަޖެޓުން 23 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އިމާރާތެކެވެ.