އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުންތަކާއި ހިލާފްނުވުމަށް ފުލުހުން އިލްތިމާޒްކޮށްފިއެވެ.
ކޮވިްޑް19 އާއި ގުޅިގެންނާއި އަދިވެސް ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި ސަރުކާރުން އަމަލުކުރައްވަމުން ގެންދަވާ ގޮތާއި ހިތްހަމަނުޖެހުން ފާޅުކޮށް ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުންދާ މި ދަނޑިވަޅު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ކުރާނެ ކަމުގެ އިންޒާރު އިދިކޮޅު ފަރާތްތަކުންވެސް ވަނީ ދީފައެވެ. މީގެ އިތުރުން “ނަވާނަވައި” ކިޔާ ޖަމްއިއްޔާއަކުން، ރައްޔިތުންގެ މަޖިލިސް “ހޭލައްވާލަން” މި ނަމުގައި އަންނަ ހޯމަ ދުވަހު މަޖިލިސް އިދާރާ ކައިރީ މުޒާހަރާ ކުރުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.
މިކަމާއި ގުޅިގެން މިއަދު ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވިޓެއްގައި ބުނީ އާންމު ސިއްހަތުގެ ކުއްލި ހާލަތުގެ މި ދަނޑިވަޅުގައި، ފުރަބަންދުގެ ހާލަތަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާގައިވެސް އާންމު ތަންތަނުގައި އެއްވެ އުޅެވޭނީ އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކަމަށެވެ. އެކެމަކު، ބައެއް ފަރާތްތަކުން އެ އެންގުމާ ޚިލާފަށް އެއްވުން ބޭއްވުމަށް ރާވަމުންދާކަން ފާހަގަކުރައްވަމުން ފޮލިހުން ވިދާޅުވީ މިފަދަ އެއްވުންތަކަކީ ޑިރެކްޓާ ޖެެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވައިފައިވާ އެންގެވުމާ ހިލާފަށް ބާއްވާ އެއްވުމެއްކަމަށެވެ.
ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް އިލްތިމާސްކުރަން!#EaseDownPhase2#COVID19Maldives#StayHomeStaySafe pic.twitter.com/GuwrhvFQon
— Maldives Police (@PoliceMv) June 20, 2020
“ބައެއް ފަރާތްތަކުން އެއްވުން ބޭއްވުމަށް ތައްޔާރުވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައި. އެހެންކަމުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއް ނުވުމަށާއި، އެންމެހާ ލޮބުވެތި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ، ހުރިހާ ބޭފުޅުންވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސްކުރަމެވެ.” ފުލުހުންގެ ބަޔާނުގައިވެ އެވެ.