ސްޕެނިޝް ލަލީގާ ގައި ރޭ ކުޅުނު މެޗުގައި ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ކަރީމް ބެންޒެމާ ދެއްކި މޮޅު ކުޅުމާއެކު އަމިއްލަ ދަނޑުގައި ވެލެންސިއާ އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ. ރެއާލުން މިމެޗު ކާމިޔާބުކުރީ 3-0 އިންނެވެ.
ރެއާލުން ރޭގެ މެޗަށް ނިކުތްއިރު ބާސެލޯނާ ވަނީ އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި 2-0 އިން ލެގަނޭސް ބަލިކޮށް، ތާވަލްގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެކަމަކު ރޭގެ މެޗުން ހޯދީ ތިން ޕޮއިންޓާއެކު ރެއާލް ވަނީ ފަރަގު އަލުން ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ލީގުގައި މިހާތަނަށް ކުޅުނު 29 މެޗަށްފަހު 64 ޕޮއިންޓާއެކު އެއްވަނައިގައި ބާސެލޯނާ އޮތްއިރު އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ރެއާލެވެ. ތިންވަނައިގައި އޮތް ސެވިއްޔާ އަށް 51 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 49 ޕޮއިންޓެވެ.
ރެއާލްގެ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިތަނާ އެ ޓީމަށް ލީޑްނަގައިދިނުމަށް ބެލްޖިއަމް ތަރި އެޑެން ހަޒާޑަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އޭގެފަހުން، މެޗުގެ 20 ވަނަ މިނެޓުގައި ވެލެންސިއާގެ ރޮޑްރީގޯ ގޯލެއް ކާމިޔާބުކުރިއެވެ. އެހެންނަމަވެސް، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ އެ ގޯލެއް ގަބޫލުނުކުރިއެވެ. މި ހާފު ނިމުމުގެކުރީން، ވެލެންސިއާގެ ޖޮފްރޭ ކޮންޑޯބިއާ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ، ރެއާލްގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއެވެ.
މި މެޗުގައި ރެއާލުން ކާމިޔާބުކުރި ތިން ގޯލްވެސް ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން، ދެވަނަ ހާފު ފެށިގެން 15 ވަރަކަށް މިނެޓުގެ ތެރޭގައި އެ ޓީމަށް ލީޑްނަގައިދިނީ ބެންޒެމާ އެވެ. މިއީ ރެއާލްގެ ލޫކާ މޮޑްރިޗް އާއި ހަޒާޑް ގުޅިގެން ތަނަވަސްކުރި ފުރުޞަތަކުން ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗުގެ 75 ވަނަ މިނެޓުގައި ސްޕެއިންގެ އިތުބާރު ވިންގާ މާކޯ އަސެންސިއޯ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ އަނިޔާގައި 11 މަސްދުވަސް ހޭދަކުރުމަށްފަހު ކުޅުމަށް އެނބުރިއައި އަސެންސިއޯ ކުޅުނު ފުރަތަމަ މެޗުގައި ޖެހި ފުރަތަމަ ލަނޑެވެ.
ރެއާލްގެ ފަހު ލަނޑު، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ބެންޒެމާ އެވެ. މިއީ އެ ޓީމުގެ އަސެންސިއޯ ދިން ބޯޅައަކުން ބެންޒެމާ ކާމިޔާބުކުރި ރީތި ގޯލެކެވެ. ރޭގެ މެޗުގައި ޖެހި ލަނޑުތަކަށްފަހު ބެންޒެމާ ވަނީ ރެއާލްގެ ތާރީޚުގައި އެންމެ ގިނަ ގޯލްޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ފަސްވަނަ އަށް ޖެހިލާފައެވެ. ހަންގޭރީގެ ލެޖެންޑް ފެރެންކް ޕުސްކަސް ފަހަތަށް ޖައްސާލައި ބެންޒެމާ ކުރިއަށް ޖެހިލީ 243 ގޯލް ހަމަކޮށްގެންނެވެ. ބެންޒެމާ އަށް ވުރެ ލަނޑުލިސްޓުގެ ކުރީގައި އުޅެނީ 451 ގޯލްޖަހާފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރައުލް ގޮންޒާލެޒް (323) ގެ އިތުރުން ޑި ސްޓެފާނޯ (308) އަދި ސަންޓިލާނާ (290) އެވެ.
ލީގުގައި ރެއާލަށް ދެން ކުރިއަށް އޮތީ މި މަހުގެ 22 ވާ ހޯމަ ދުވަހުގެ ދަންވަރު 1:00 ގައި ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅޭ މެޗެވެ. ވާދަވެރި ބާސެލޯނާ ކުޅޭ މެޗުގައި މިރޭ ދަންވަރު 1:00 ގައި ނިކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ.