މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ނެގި ސްކޮޑުގައި ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާ ހިމެނިއްޖެއެވެ.
މިއީ 2015 ވަނަ އަހަރުގެ ފަހުން ބެންޒެމާ އަށް ފްރާންސްގެ ގައުމީ ޓީމުން ފުރުޞަތު ލިބުނު ފުރަތަމަ ފަހަރެވެ. އަޚުލާގީ މައްސަލައެއްގެ ސަބަބުން އެންމެ ފަހުގެ ޔޫރޯގެ އިތުރުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވުނު ވޯލްޑްކަޕަށް ނެގި ފްރާންސްގެ ސްކޮޑުން ވެސް ބެންޒެމާ އަށް ފުރުޞަތު ދީފައެއްނުވެއެވެ.
ބެންޒެމާ އަށް ފްރާންސްގެ ގައުމީ ޓީމުން ފުރުޞަތު ނުދޭން ފެށީ 2015 ވަނަ އަހަރު އޮރިޔާން ކާޑު ބޭނުންކޮށްގެން އޭނާ އާއެކު ގައުމީ ޓީމަށް ކުޅެމުންއައި މެތިއު ވަލްބުއޭނާ ބްލެކްމެއިލްކުރި މައްސަލައެއްގެ ތުހުމަތު ކުރި ހިސާބުންނެވެ.
ފްރާންސްގެ ސްކޮޑަށް ބެންޒެމާ ނެގުމާ ބެހޭގޮތުން މީގެކުރީން ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ އޭނާ އަށް އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ފުރުޞަތު އެބައޮތްކަމަށް ބުނެފައެވެ. އޭގެފަހުން، އެކަމަށް ބާރު ލިބިދޭ ފަދަ ގޮތަކަށް ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ނޮއެލް ލެ ގްރާޓް ވެސް ވަނީ ބެންޒެމާ، ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް ނެގުމުގެ އިހުތިޔާރު ކޯޗަށް އޮންނާނެ ކަމަށް ވެސް ބުނެފައެވެ. އަދި މި ފަހަރުގެ ސްކޮޑަށް ބެންޒެމާ ނެގުމާ ގުޅޭގޮތުން އޭނާއާ މަޝްވަރާކޮށްފައިވާ ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފައެވެ.
KB x KM 🔥🔥🔥🔥🔥🔥🔥🔥🔥 pic.twitter.com/72smmr87f2
— Kylian Mbappé (@KMbappe) May 18, 2021
މިހާރު އުމުރުން 33 އަހަރުގެ ބެންޒެމާ ވަނީ 2007 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް ފްރާންސް ގައުމީ ޓީމަށް ކުޅެދިން 81 މެޗުގައި 27 ލަނޑުޖަހައިދީފައެވެ. މީގެއިތުރުން، ކްލަބު ލެވެލްގައި ފަހަކަށްއައިސް ރެއާލްގައި ތަފާތު މޮޅު ކުޅުމެއްދައްކަމުން އަންނަ ބެންޒެމާ ވަނީ މި ސީޒަނުގައި ވެސް އެ ޓީމަށް ކުޅެދިން 45 މެޗުގައި 29 ލަނޑުޖަހާފައެވެ.
މިރޭ އިޢްލާންކުރި ފްރާންސްގެ ސްކޮޑުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރޭގައި، މިހާރު އެމެރިކާގެ އެމްއެލްއެސްގައި ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ބްލައިސް މަޓުއިޑީ، މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އެންތަނީ މާޝިއަލް، އާސެނަލްގެ ފޯވާޑް އަލެކްސެންޑާ ލަކަޒޭ، ޓޮޓެންހަމް ހޮޓްސްޕާގެ ޓެންގީ އެންޑޮމްބެލޭ، ރެއާލް ބެޓިސްގެ ނަބީލް ފެކީރް އާއި ރެއާލްގެ ފުލްބެކް ފޭލަން މެންޑީ އަދި މެންޗެސްޓާ ސިޓީގެ ބެންޖަމިން މެންޑީ ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން، އާރްބީ ލީޕްޒިގުން ކުރިއަށް އޮތް ސީޒަނަށް ބަޔާން މިއުނިކަށް ބަދަލުވާން އެއްބަސްވެފައިވާ އިތުބާރު ޑިފެންޑަރު ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ އާއި އޮލިމްޕިކް ލިޔޯންގެ ހުސާމް އޮއާރް އަދި ރެނޭސްގެ ޒުވާން މިޑްފީލްޑަރު އެޑޮއާޑޯ ކަމަވިންގާ ވެސް ސްކޮޑުން ބާކީކޮށްފައިވާއިރު މެންޗެސްޓާ ސިޓީ އަށް ކުޅެމުންއައި ހުނަރުވެރި ޑިފެންޑަރު އައިމެރިކް ލަޕޯޓަށް، ފްރާންސްގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުޞަތު ނުދޭތީވެ ދާދިފަހުން އޭނާ ވަނީ ސްޕެއިނުގެ ރަށްވެހިކަން ހޯދާފައެވެ. ބެލެވޭގޮތުގައި ޔޫރޯ އަށް ސްޕެއިނުން އެކުލަވާލާ ސްކޮޑުގައި އޭނާ ހިމެނިގެންދާނެއެވެ.
އަންނަ ޖޫން މަހުގެ 11 އިން ޖުލައި މަހުގެ 11 ގެ ނިޔަލަށް ޔޫރަޕްގެ އެކި ގައުމުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް ހިމެނިފައިވަނީ ނިސްބަތުން ވަރުގަދަ ގްރޫޕެއްގައެވެ. ފްރާންސްގެ އިތުރުން ގްރޫޕް އެފްގައި ދެން ހިމެނެނީ، އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަން ޕޯޗުގަލް އާއި ޖަރުމަން އަދި ހަންގޭރީ އެވެ.
ޔޫރޯ 2020 އަށް ފްރާންސުން ނެގި 26 ކުޅުންތެރިންގެ ސްކޮޑު:
ގޯލްކީޕަރުން: ހޫގޯ ލޮރިސް (ޓޮޓެންހަމް)، ސްޓީވް މަންޑަންޑާ (އޮލިމްޕިކް މާސޭ)، މައިކް މައިގްނަން (ލިއްލެ)؛
ޑިފެންޑަރުން: ލިއޯ ޑުބޮއިސް (އޮލިމްޕިކް ލިޔޯން)، ބެންޖަމިން ޕަވާޑް އާއި ލޫކަސް ހެނާންޑޭޒް (ބަޔާން މިއުނިކް)، ކްލެމެންޓް ލެންގްލޭ (ބާސެލޯނާ)، ޕްރެސްނެލް ކިމްޕެމްބޭ (ޕީއެސްޖީ)، ރަފައެލް ވަރާން (ރެއާލް މެޑްރިޑް)، ޖޫލްސް ކޫންޑޭ (ސެވިއްޔާ)، ކާޓް ޒޫމާ (ޗެލްސީ)، ލޫކާ ޑީނިއޭ (އެވަޓަން)؛
މިޑްފީލްޑަރުން: އެންގޯލޯ ކާންޓޭ (ޗެލްސީ)، ޕައުލް ޕޮގްބާ (މެންޗެސްޓާ ޔުނައިޓެޑް)، އެޑްރިއެން ރަބިއޯ (ޔުވެންޓަސް)، ކޮރެންޓިން ޓޮލީސޯ (ބަޔާން މިއުނިކް)، މޫސާ ސިސޯކޯ (ޓޮޓެންހަމް)؛
ފޯވާޑުން: ކަރީމް ބެންޒެމާ (ރެއާލް މެޑްރިޑް)، އޮލިވިއޭ ޖިރޫ (ޗެލްސީ)، ކިލިއަން އެމްބާޕޭ (ޕީއެސްޖީ)، އެންޓޮއިން ގްރީޒްމަން އާއި އޮސްމާނޭ ޑެމްބެލޭ (ބާސެލޯނާ)، މާކަސް ތުރާމް (ބޮރޫޝިއާ މުންޗެންގްލަޑްބަކް)، ވިސާމް ބެން ޔެޑާ (މޮނާކޯ)، ކިންގްސްލީ ކޯމަން (ބަޔާން މިއުނިކް)، ތޯމަސް ލެމާ (އެތުލެޓިކޯ މެޑްރިޑް).