English Edition
Dhivehi Edition
ފިލިތެޔޮ އައިލެންޑް ރިސޯޓް - ފޮޓޯ: އަގޯޑާ

ފިލިތެޔޮ އައިލެންޑް ރިސޯޓުގައި ކަރަންޓީނުގައި ހުރި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙުޤީޤުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ފިލިތެޔޮ އައިލެންޑް ރިސޯޓުގައި ކަރަންޓީނުގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދު ހަވީރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދާއިރު، އެ މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

މީސްމީޑިއާގައި މިހާރު މި މައްސަލަ ހޫނުވެފައިވާއިރު، މަޢުލޫމާތު ލިބޭ ގޮތުގައި ޖިންސީ ގޯނާ ކޮށްފައި ވަނީ ދާދިފަހުން ސްރީ ލަންކާއިން ރާއްޖެ އައިސް ފިލިތެޔޮ ރިސޯޓުގައި ކަރަންޓީނުވެގެން ހުރި އަންހެނަކަށެވެ.

އެނގިފައިވާ ގޮތުގައި މި އަންހެން މީހާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ފިލިތެޔޮ ކަރަންޓީނު ފެސިލިޓީގެ އިންޗާޖަކަށް ހުރި އެމްއެންޑީއެފްގެ އޮފިސަރެކެވެ.

މީގެ ކުރިންވެސް ކަރަންޓީނު ފެސިލިޓީތަކުގައި ޖިންސީ ފުރައްސާރަކުރާ ކަމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.