English Edition
Dhivehi Edition
ޖަރުމަނުގެ އިތުބާރު ފޯވާޑް ޓިމޯ ވާނާ. --ފޮޓޯ: އޭޕީ

ޖަރުމަނުގެ އާރްބީ ލީޕްޒިގަށް ކުޅެމުން އައި ހުނަރުވެރި ފޯވާޑް ޓިމޯ ވާނާ، އިނގިރޭސި ކްލަބު ޗެލްސީ އަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޗެލްސީ އާއެކު ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން ވާނާ އެއްބަސްވެފައިވާއިރު، އެ ކްލަބުން ވަނީ ލީޕްޒިގާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްޓަކައި ދައްކަންޖެހޭ 47.5 މިލިއަން ޕައުންޑް ދައްކަން އެއްބަސްވެފައެވެ. ވާނާ، ޗެލްސީ އަށް ބަދަލުވާން އެއްބަސްވިނަމަވެސް އެ ޓީމާ ގުޅޭނީ ކުރިއަށް އޮތް ޖުލައި މަހުގައި ޓްރާންސްފާ ބާޒާރު ހުޅުވުމުންނެވެ. އެހެންކަމުން ލީޕްޒިގަށް އަންނަ އޮގަސްޓް މަހުގައި އޮތް ޗެމްޕިއަންސް ލީގުގައި މެޗުތަކުގައި އޭނާ ނުކުޅޭނެއެވެ.

މީގެކުރީން، ޔާގަން ކްލޮޕާއެކު މަސައްކަތްކުރަން ޝައުގުވެރިވާކަމަށް ވާނާ ބުނެފައިވާއިރު، ލިވަޕޫލަށް ބަދަލުވާނެކަމުގެ ވާހަކަތައް މީޑިއާގައި ފެތުރިފައިވެއެވެ. އެހެންނަމަވެސް، ލިވަޕޫލުން ވަނީ ކޮވިޑް-19ގެ މި ހާލަތުގައި ލީޕްޒިގުން ކިޔާ ޓްރާންސްފާ ފީ ދޭން ބޭނުންނުވާ ކަމަށް ބުނެ، އަގު ކުޑަކުރަން ހުށަހަޅައިފައެވެ. އެކަމަކު ލިޕްޒިގުން އެގޮތަށް އެއްބަސްނުވުމުން އެކަންތައް ކޮޅެއްގައި ނުޖެހުމާއެކު މިކަމުގައި ޗެލްސީގެ އެއްވެސް އިއުތިރާޞެއްނެތުމުން ދެ ކްލަބުން އެއްބަސްވުމަކަށް އާދެވުނީއެވެ.

ޗެލްސީ އަށް ބަދަލުވާން އެއްބަސްވުމަށްފަހު ވާނާ ބުނެފައިވަނީ އެ ކްލަބަށް ބަދަލުވެވޭތީވެ ވަރަށް އުފާވާކަމަށާއި، ޗެލްސީ ކަހަލަ ބޮޑު ކްލަބަކަށް ބަދަލުވުމަކީ ލިބުނު ފަޚުރެއް ކަމަށް ވެސް ބުންޏެވެ. މީގެއިތުރުން، އޭނާ ބުނީ އާރްބީ ލީޕްޒިގާ އެކު ހޭދަކުރީ ހަތަރު އަހަރު ދުވަހަށް ޝުކުރުވެރިވާ ކަމަށާއި، އެ ހަނދާންތައް އަބަދަށް ދެމިހުންނާނެ ކަމަށެވެ.

“ޗެލްސީ އަށް ބަދަލުވެވޭތީވެ ވަރަށް އުފާވޭ. މިހާ ބޮޑު ކްލަބަކަށް ބަދަލުވުމަކީ ވެސް ލިބުނު ވަރަށް ބޮޑު ފަޚުރެއް.”

“ލީޕްޒިގާއެކު ހޭދަކުރީ ހަތަރު އަހަރު ދުވަހަށް އެ ކްލަބުގެ ސަޕޯޓަރުންނާއި މެނޭޖްމަންޓަށް ޝުކުރުވެރިވަން. އެއީ ދުވަހަކުވެސް ފިލައިގެން ދާނެ ހަނދާންތަކެއް ނޫން.” ވާނާ ބުންޏެވެ.

އުމުރުން 24 އަހަރުގެ ވާނާގެ ވިދުން އެންމެ ގަދަވެފައިވާ މި ސީޒަނުގައި ލިޕްޒިގަށް ކުޅުނު 43 މެޗުގައި 32 ގޯލްޖަހާފައިވާއިރު، އިތުރު 13 ލަނޑުޖެހުމަށް އެހީތެރިވެދީފައިވެއެވެ. ޖަރުމަނުގެ ސްޓުޓްގާޓް އިން 2013 ވަނަ އަހަރު ޕްރޮފެޝަނަލް ކެރިއަރު ފެށި ވާނާ ވަނީ 2016 ވަނަ އަހަރުން ފެށިގެން ލީޕްޒިގަށް ކުޅުނު 157 މެޗުގައި 93 ލަނޑުޖަހާފައެވެ. މީގެއިތުރުން، އޭނާ ވަނީ 2017 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ ގައުމީ ޓީމަށް 29 މެޗުން 11 ގޯލް ޖަހައިދީފައެވެ.

ވާނާގެ އިތުރުން ޗެލްސީން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމް އަށް ކުރިން ކުޅުނު ހަކީމް ޒިޔެޗް ވެސް ގެނެސްފައެވެ.