English Edition
Dhivehi Edition
17 ޖޫން 2020 ވަނަ ދުވަހުގެ ރޭ މެލޭޝިއާއިން ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓް - ފޮޓޯ: މޯލްޑިވިއަން

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 175 ދިވެއްސަކު މިރޭ ރާއްޖެ ގެނެސްފި އެވެ.

ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މެލޭޝިއާގެ ކުއަލަ ލަމްޕޫރުން 175 ދިވެހިންނާއެކު އެ އެއާލައިންގެ މަތިންދާބޯޓް އައިސްފައިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް މޯލްޑިވިއަނުން ވަނީ މެލޭޝިއާގައި ތިބި 195 ދިވެއްސަކު ރާއްޖެ ގެނެސްދީފަ އެވެ.

ރާއްޖެއިން ބޭރުން އަންނަ އެންމެންވެސް 14 ދުވަހަށް ކަރަންޓީނުވާން ޖެހޭއިރު، ކަރަންޓީނުން ދޫކޮށްލާނީ ޓެސްޓް ކުރުމަށްފަހު ނަތީޖާ ނެގެޓިވްވުމުންނެވެ.

މެލޭޝިއާގެ އިތުރުން އިންޑިއާގެ ބެންގަލޫރާއި ނިއު ދިއްލީ އަދި ސްރީ ލަންކާގައި ތާށިވެފައި ތިބި ބައެއް ދިވެހިންވެސް ވަނީ މިމަހުގެ ތެރޭގައި ރާއްޖެ ގެނެސްފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ޤައުމުތައް ފުރަބަންދުކުރުމާއި ގުޅިގެން ބޭރު ޤައުމުތަކުގައި ތާށިވެފައި ތިބި ގިނަ ދިވެހިންނަށް ރާއްޖެ އާދެވޭނެ އިންތިޒާމު ސަރުކާރުން ވަނީ މީގެ ކުރިންވެސް ހަމަޖައްސައިދީފަ އެވެ. އެގޮތުން އިންޑިއާ އާއި ސްރީ ލަންކާ އާއި މެލޭޝިއާ، ނޭޕާލް، ބަންގްލަދޭޝް، ޔޫކޭ އަދި ބެލަރޫސްގައި ދިރިއުޅޭ ދިވެހިންތަކުގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ބައެއް ފަރާތްތައް ވަނީ ރާއްޖެ ގެނެސްދީފައެވެ.