English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: މިހާރު

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކަށް އަނިޔާކުރި މައްސަލައެއްގައި ހަތަރު ފުލުހަކާމެދު ފިޔަވަޅު އެޅުމަށް ނިންމައިފި އެވެ.

ފުލުހުން މިއަދު ބުނީ އެގޮތަށް އިއްޔެ ނިންމާފައި ވަނީ 2019 އޯގަސްޓް 05 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހޯދަމުން ދިޔަ މީހަކު، މަސްވެރިން ޕާރކް ސަރަހައްދުގައި ހުރި ސައިކަލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއުމަށްފަހު، އެމީހާއަށް އަނިޔާކޮށް، އިންސާނީ ކަރާމަތަށް އުނިކަން ލިބޭފަދަ އަމަލުތައް ކޮށްފައިވާ ކަމަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑް ކޮމާންޑުން ކުރިއަށް ގެންދިޔަ އިންޓަރނަލް ތަހްޤީޤަށްފަހު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން އެބޯޑުން އެ ހަތަރު ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބޯޑުން ނިންމާފައވަނީ މައްސަލައިގެ ތުހުމަތުކުރެވޭ ހަތަރު ފުލުހުންގެ ތެރެއިން އެއް ފުލުހަކު މަޤާމު ދަށް ކުރުމަށާއި އަދި އަނެއް ތިން ފުލުހުން ވަޒީފާއިން ވަކިކުރުމަށެވެ.

ފުލުހުން ބުނީ ބޯޑުން ނިންމި ނިންމުން އިސްތިނާފު ކުރުމަށް ހުށަހެޅުމުގެ ފުރުޞަތު އިއްޔެއިން ފެށިގެން ރަސްމީ ބަންދުނޫން 7 ދުވަހުގެ ތެރޭގައި އެފުލުހުންނަށް ލިބިގެންވާ ކަމަށެވެ.