English Edition
Dhivehi Edition

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިންއަށް އެމްޑީޕީ ހަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ، އަދި އިސްލާޙީ ޙަރަކާތްތަކުގައި އަބަދުވެސް ބައިވެރިވާ އިބްރާހީމް ޖައުފަރު، “ބާޣީ”ގެ ނަމުން މުޚާތަބުކުރައްވާ ފުރައްސާރަކުރުމާއި ގުޅިގެން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު މިއަދުގެ މަޖިލީސް ޖަލްސާގައި އެމްޑީޕީގެ ގިނަ މެމްބަރުންވެސް ވަނީ ރައީސް ވަހީދަށް ބާއިއަށް ގޮވާފައެވެ.

މިގޮތުން “ވަހީދު އިތުރުފުޅު ހެއްދެވި ކަމަށް ވިދާޅުވެ” ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވަނީ މީހަކު ބޭނުންކޮށްލި ލަފްޒަކުން “ތިމަންނަ އަށް ހަމަލާދިން” ކަމަށް ވިދާޅުވެ، ވަހީދު ޓުވީޓް ކުރައްވާފައިވާތީ ފުލުހުން އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. އިތުރަށް މެމްބަރު ހަސަން ވިދާޅުވީ ވަހީދަކީ ވޯޓެއް ލިބިވަޑައިގެންނެވި ބޭފުޅަކަށް ނުވާ އިރު، އެމަނިކުފާނަށް އޮފީހާއި އިނާޔަތް ލިބިވަޑައިގަތުމަކީ މެމްބަރުން ކުށްވެރިވާނެ ކަމެއްކަމަށާއި ވަހީދު ކަހަލަ ބޭފުޅުން މުޖުތުމައުގެ ތެރޭގައި އުޅުމަކީ ބިރުވެރިކަމެއް ކަމަށެވެ.

މީގެ އިތުރުން ކުރީގެ ރައީސް ވަހީދު އުސްފަސްގަނޑަށް ކަސްރަތު ކުރައްވަން ވަޑައިގަންނަވާ އިރު، އެންމެން ގޮސް އެމަނިކުފާނަށް ބާޣީ އަށް ގޮވުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ ގޮވާލައްވާފައެވެ. “އަދި އަޅުގަނޑު ހަމަ ގޮވާލަން، ބާޣީ ވަހީދު ކަސްރަތުކުރަން އުސްފަސްގަނޑަށް ދަންޏާ އަޅުގަނޑުމެން އެންމެން އެތަނަށް ގޮސް ފެންނަހާ ބަޔަކު ކަމާ ކަންފަށާ ގޮސް ބާޣީ ވަހީދަށް ބާޣީ ވަހީދު ގޮވަން” ސިރާޖް ވިދާޅުވިއެެވެ. އިތުރަށް ސިރާޖް ވިދާޅުވީ ބާޣީ ވަހީދަށް ބާޣީ ވަހީދު ނޫން އެހެން އެއްޗެއް ނުގޮވޭނެ ކަމަށާއި 7 ފެބްރުއަރީގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ ވަހީދު ފަހަތުގައި ހުންނަވައިގެން އޭރުގެ އިދިކޮޅާއި ގުޅިގެން ހިންގި ބަޣާވާތަކުންކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ 07 ފެބްރުއަރީގައި ރާއްޖޭގައި “ބަޣާވާތް” ކުރެއްވި ބޭފުޅުންނަށް މާފު ނުކުރައްވާ ކަމަށާއި އެ ދުވަހު ހިނގައިދިޔަ ކަންކަމަށް އިންސާފު ބޭނުންވާކަމަށެވެ. އިތުރަށް އީވާ ވިދާޅުވީ ވަހީދާ ދިމާލަށް “ކާޅޭ” ކިޔަނީ އެމަނިކުފާނު ކަޅުވެގެން ނޫންކަމަށާއި ވަހީދާ ދިމާލަށް ކާޅޭ ކިޔަން ފެށީ ވެރިކަން ޖަހައިގަނެ، ވައްކަން ކުރެއްވީމައި ކަމަށެވެ.

މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ ވެރިކަން ކުރާ އެމްޑީޕީގެ ޖޯރޭ ގެ ފަރާތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް ކުރިމަތިކުރުވި ބަހުގެ ހަމަލާތަކަކީ ކުޑަ މިންވަރެއް ކަމަށާއި ހެޔޮވަރު މީހަކާއި ދިމާވި ނަމަ ދެވަނަ ދުވަހަކު ކަސްރަތަށް ނުނިކުންނާނެކަމަށެވެ.

މަޖިލީހުގެ މެމްބަރުންގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް، 2012 ވަނަ އަހަރު ބަޣާވާތަކުން އެމްޑީޕީ ސަރުކާރު ބަދަލުކުރައްވައި، އިންތިޚާބު ނުވެ ރައީސްކަން ކުރެއްވި ކަމަށް ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދެކޭ ކަމަށެވެ. އެހެންކަމުން ވަރަށް ގިނަ ދިވެހިން ކުރީގެ ނައިބު ރައީސް ފެނުމުން “ބާޣީ” އޭ ގޮވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.